ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކުރައްވައިފިއެވެ. ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅުއްވައި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، މަދުވެގެން ކޮންމެ އަތޮޅަކުން އެއް ރަށުން އެސް.ޓީ.އޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ނިޒާމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޭރިއްޔާގެ ރިޔާސީ ވަޢުދެކެވެ.
“މަސްވެރި ސިނާޢަތުގައި މިހާތަނަށް އޮތް ވަގުތީ ޙައްލު ހޯދުމުގެ ޘަޤާފަތް ނައްތާލައި، ދާއިމީ ޙައްލު ހޯދައިދިނުމުގެ ތަޞައްވުރެއް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ” މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) މެދުވެރިކޮށް، މަސްވެރިންނަށް ބޭނުންވާ ތެޔޮ، ހެޔޮ އަގުގައި ވިއްކުމަކީ، ދިވެހީންގެރާއްޖެ މެނިފެސްޓޯގައިވެސް ހިމަނާފައިވާ މުހިންމު ނުކުތާއެކެވެ.
“މި މަޝްރޫޢުގެ އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ޤާއިމުކުރުން” ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވިއެވެ.
އެސްޓީއޯއިން ވަނީ މިއަހަރުގެ ޖަނަވަރީ މަހު ހުޅުމާލޭގައި ސެޓަޕް ޤާއިމުކޮށްފައެވެ.
މިވަގުތު، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފް.އެސް.އެމް ޝެޑުން ހެޔޮ އަގުގައި ތެޔޮ ލިބެއެވެ.
ފެބްރުއަރީ 2025 ވަނަ އަހަރު އަންނަންވާއިރަށް، އައްޑޫ ސިޓީ ހުޅުމީދޫގައި ސެޓަޕް ޤާއިމުކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
އޮކްޓޯބަރު 2025 ގެ ނިޔަލަށް، ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ފ. ނިލަންދޫ، ގދ. ފަރެސްމާތޮޑާ އަދި ފުވައްމުލައް ސިޓީގައި ސެޓަޕް ޤާއިމުކުރާނެއެވެ.
ފެބްރުއަރީ 2026 ގެ ނިޔަލަށް، ށ. މިލަންދޫ، ނ. މަނަދޫ، ބ. ތުޅާދޫ، ވ. ފެލިދޫ، ތ. ހިރިލަންދޫ، ރ. ދުވާފަރު، އއ. މަތިވެރި، މ. މުލައް، ދ. ކުޑަހުވަދޫ އަދި ލ. ގަމުގައި ސެޓަޕް ޤާއިމުކުރާނެއެވެ.