އަލިފާނުގެ ހާދިސާގައި އަނދާދިޔަ ތިން މިނިސްޓްރީގެ ޑޭޓާ ރިކަވާ ކުރެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބެއްވި ބައްދަލުވުމުގައި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ކްލައުޑްގައި ގިނަ ޑޭޓާ ބެކަޕްކުރެވިފައި ވާނެ ކަމަށެވެ. އަދި ހައުސިންގއާ ގުޅޭ މަޝްރޫޢުތަކުގެ މައުލޫމާތު ގެއްލިފައި ނުވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
މިނިސްޓަރ ވަނީ ދައުލަތުގެ އެކި އިދާރާތަކާއި އެސްއޯއީތަކާއި ދިރާގާއި އުރީދޫން ވެދީފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މާދަމައިން ފެށިގެން ވެސް މަސައްކަތް ނުހުއްޓި، ރައްޔިތުންނަށް ޚިދުމަތް ދެވޭ ވަރު ވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މި ނޫސްކޮންފަރެންސްގައި އެމްޑީއެފްއާއި ފުލުހުންވެސް ބައިވެރިވިއެވެ. އެމްޑީއެފްއިން ވަނީ އަލިފާން ކޮންޓްރޯލު ކުރުމަށް ކުރި މަސައްކަތުގެ މައުލޫމާތު ދީފައެވެ. އަދި ފުލުހުން ވަނީ މައސަލަ ތަހުގީގު ކުރަމުންދާ ގޮތުގެ މައުލޫމާތު ދީފައެވެ. އެގޮތުން ފޮރެންސިކް ތަހުގީގަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވާނެ ކަމަށްވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތްތަކަށް ގެއްލުން ލިބުމުން 3 ވުޒާރާ ހިންގުން ވަނީ ދަރުބާރު ގެއަށް ބަދަލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރުބާރުގެއަށް ވަޑައިގެން މަސައްކަތް ހިނގާ ގޮތް ބައްލަވައި ލައްވައި، ކުރިއަށް ގެންދންވީ ގޮތުގެ އިރުޝާދު ދެއްވާފައެވެ.


