ޙައްޖަށް ދިޔުމުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފި

އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ މި ސަރުކާރުގެ ދައުރުގައި ޙައްޖަށް ދިޔުމަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށެވެ. ރޭބޭއްވި "އަހާ ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، މިކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއެކު ބައެއް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްސަ ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް ލުއިތަކެއް ދިނުން ހިމެނެއެވެ.

"ޙައްޖަށް މީހުންދިޔުމުގެ އަގު ކުޑަކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަސައްވުރެ ކަނޑައަޅުއްވައިގެން އޭގެ ދަށުން މަސައްކަތް އެބަކުރަމުންދޭ. މިއަދު މިވެނި ދުވަހެއްގައި ޙާސިލުވާނެޔޭ ދަންނަވަން ދަތި. އެހެންނަމަވެސް ރައީސް މުޢިއްޒުގެ މިދައުރުގެ ތެރޭގައި އިރާދަކުރެއްވިޔާ އެއަށް ހަރުދަނާ ހައްލެއް އަންނާނެ." ވަޒީރު ޑރ. ޝަހީމް

ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޙައްޖު ކޯޕަރޭޝަނުގައި ޤާއިމުކޮށްފައިވާ ކިޔުގައި މިހާރު 9000 މީހުން ތިބިކަމަށް ފާހަގަކޮށްފައިވެއެވެ. ކޯވިޑް-19 އާ ގުޅިގެން ޙައްޖަށް ގެންދިޔުމަށް އޮތް ދަތިކަން މިހާރު ނެތްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ އަހަރުން ފެށިގެން ކިޔުއަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ރައީސްގެ އިރުޝާދުފުޅާއެކު ޙައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް އެކަށީގެންވާ ހެޔޮ ބަދަލެއް މި ދައުރުގެ ތެރޭގައި އަންނާނެކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ބަދަލުތަކާއެކު، ގިނަ ދިވެހިންނަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ހިއްސާ ކުރައްވާ!