ރާއްޖެއިން މިއަހަރު ޙައްޖަށްދާ 500 މީހުން މޯލްޑިވިއަންގެ މަތިންދާބޯޓުގައި އުފުލާނެ

ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ ތެރޭން 500 މީހުން ދަތުރުކުރާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައިކަމަށް އިސްލާމީ ކަންތައްތަ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަކީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ގެންދިއުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާއި ދެމެދު ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.
ޑރ. ޝަހީމް ވިދާޅުވީ މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ޤައުމީ އެއަރލައިންގައި ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެންދިޔަ ދުވަސްކަމަށާއި މިކަން ފަހިވެގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށްދާ 1000 މީހުންގެ ތެރެއިން 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓްގައި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުގައި ޙައްޖުވެރިން އުފުލަން ފެށުމަކީ ދިވެހިން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާ އެއްގޮތަށް ކުރިއަށް ގެންދާ އިސްނެގުމެއް ކަމަށެވެ.

މޯލްޑިވިއަންގެ ދަތުރުތަކަށް ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މިހާރު މި ބޯޓުގެ ދަތުރުތައް ކުރަމުންދަނީ ޗައިނާގެ 3 މަންޒިލަކަށެވެ. މި ބޯޓު ޙައްޖު މޫސުމުގައި ޙައްޖުވެރިން އުފުލުމަށް ބޭނުންކުރެވޭނެއެވެ.

"އެހެން ޤައުމުތަކުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭކަމެއް ޙައްޖުވެރިން ޤައުމީ އެއަރލައިންތަކުގައި ދަތުރުކުރުން. …. އަޅުގަނޑުމެންގެ މުސްތަޤްބަލްގެ އަމާޒަކީ ރާއްޖޭގެ ހައްޖުވެރިންގެ %100 ރާއްޖޭގެ ގައުމީ އެއަރލައިންގައި އުފުލުން. އެކަމަކު މިއަހަރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ %50 ގައުމީ އެއަރލައިންގައި ދަތުރުކުރުމަށް." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒެވެ.

ހިއްސާ ކުރައްވާ!