ޕާކިސްތާނުން ވައިލްޑް ޕޯލިއޯ ވައިރަސް ޓައިޕް 1 (ޑަބްލިޔުޕީވީ1) ގެ އާ ކޭސްއެއް ފެނިފައިވާއިރު، މިއީ 2025 ވަނަ އަހަރު ފެނިފައިވާ 3 ވަނަ ކޭސް ކަމަށް ސަރުކާރުން ބުނެއެވެ.
ރީޖަނަލް ރެފަރެންސް ލެބޯޓްރީ ފޯ ޕޯލިއޯ އެރެޑިކޭޝަންގެ އޮފިޝަލް ވިދާޅުވީ މި ކޭސް ފެނިފައިވަނީ ޕާކިސްތާނުގެ ސިންދުގެ ލާރްކާނާ ސަރަހައްދުން ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ޕޯލިއޯގެ ޝިކާރައަކަށް ވެފައިވާ މީހާއަކީ 54 މަހުގެ އަންހެން ކުއްޖެކެވެ. މިއީ 2025 ވަނަ އަހަރު ސިންދުއިން ރިޕޯޓްކުރި ދެވަނަ ޕޯލިއޯ ކޭސް އެވެ. އަދި ތިންވަނަ ކޭސް ފެނިފައިވަނީ ޚައިބަރު ޕަޚްތުންޚްވާއިންނެވެ.
ޕާކިސްތާނުގައި ޕޯލިއޯ ވައިރަސްގެ ކޭސްތައް އިތުރުވަމުންދާއިރު، 2024 ވަނަ އަހަރު 74 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
އޭގެ ތެރެއިން 27 ކޭސް ރިޕޯޓްކޮށްފައިވަނީ ބަލޫޗިސްތާނުން، 22 ކޭސް ޚައިބަރ ޕަޚްތުންޚްވާ، 23 ކޭސް ސިންދު، އަދި ޕަންޖާބާއި އިސްލާމްއާބާދުން ކުރެ ކޮންމެ ތަނަކުން އެއް ކޭހެވެ.
މިމަހުގެ ކުރީކޮޅު ޕާކިސްތާނުގައި ވަނީ ފުރަތަމަ ފަހަރަށް ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގަން ފަށާފައެވެ.
އޮފިޝަލުން ބުނާ ގޮތުގައި މި ކެމްޕޭނުގައި ގާތްގަނޑަކަށް އެއް މިލިއަން ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް އަމާޒުކޮށްފައިވެ އެވެ. މީގެ އިތުރުން އަފްޣާނިސްތާނާ ބޯޑަރު ހިއްސާކުރާ ނުވަތަ އަފްޣާން ރެފިއުޖީ ކޭމްޕްތައް ހުންނަ 104 ޔޫނިއަން ކައުންސިލެއްގައި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނެއް ފެބްރުއަރީ 24-28 އަށް ކުރިއަށް ގެންދާނެއެވެ.
ޕޯލިއޯ ވެކްސިން ދިނުމުގެ މި ކެމްޕޭންގެ ތެރޭގައި ގާތްގަނޑަކަށް 666،000 ކުދިންނަށް އަމާޒުކުރެވޭނެ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.






