އެޗްޑީސީގެ އައު މާސްޓާޕްލޭން އިފްތިތާޙު ކޮށްދެއްވައިފި

ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކުރުމަށްޓަކައި އެކުލަވާލެވުނު ހުޅުމާލޭގެ ރިވައިޒްޑް މާސްޓާ ޕްލޭން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތު ބޭއްވުނީ ހުޅުމާލެ ފޭސް 2 ގައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި، މި އައު މާސްޓާ ޕްލޭން އެކުލަވާލުމުގެ ކުރިން ހުޅުމާލެ ފަޅު ހިއްކައި އިތުރުކުރެވުނު ބިންތައް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން ފަންނީ މަޝްވަރާތަކާއި ލަފާތައް ހޯދާފައިވެއެވެ. މިކަން ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުންނެވެ.

ރިވައިޒްޑް މާސްޓާ ޕްލޭންގައި ހުޅުމާލޭގެ ބިންތައް އެކި ބޭނުންތަކަށް ޚާއްޞަކޮށްފައިވާ ގޮތް ހާމަކޮށްދީފައިވެއެވެ. އެގޮތުން، ގްރީން ސްޕޭސް، ސްޕޯޓްސް އަދި ރެކްރިއޭޝަނަށް 30.62 ޕަސެންޓް ބިން ކަނޑައަޅާފައިވާއިރު، ރެޒިޑެންޝަލް ބޭނުންތަކަށް 29.84 ޕަސެންޓް ބިން ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 ޕަސެންޓް ބިން ވަނީ ކަނޑައަޅާފައެވެ.

އައު މާސްޓާ ޕްލޭންގެ އެއް މުހިންމު ބަދަލެއްގެ ގޮތުގައި، ހުޅުމާލޭގެ ބަނދަރު ސަރަހައްދު 56 ހެކްޓަރަށް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ މިހާރު ބަނދަރު ސަރަހައްދުގެ ގޮތުގައި ބޭނުންކުރެވޭ 36 ހެކްޓަރަށްވުރެ ބޮޑު ބަދަލެކެވެ.

މި މާސްޓާ ޕްލޭނަކީ ހުޅުމާލޭގެ ކުރިމަގު ބައްޓަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި މި ޕްލޭނުގެ ސަބަބުން ހުޅުމާލޭގެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.

ފޮޓޯ: ރައީސް އޮފީސް

ADV

ހިއްސާ ކުރައްވާ!