އެޗްޑީސީގެ އައު ވެބްސައިޓަކީ ހެޔޮވެރިކަމުގެ ނިޒާމެއް ކަށަވަރު ކުރުމަށް ހުޅުވުނު ދޮރާއްޓެއް: ރައީސް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އައު ވެބްސައިޓަކީ ގުޑް ގަވަރނަންސް ނުވަތަ ހެޔޮވެރިކަމެއްގެ ނިޒާމެއް ކަށަވަރު ކުރުމަށް ހުޅުވުނު ދޮރާއްޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނަވާ ބަދަލުތަކުގެ މަޤްޞަދަކީ ދެފުށްފެންނަ ގޮތަށް، ކޮރަޕްޝަން ނައްތާލެވިފައިވާ މާހައުލެއް ގާއިމުކުރުމެވެ. އަދި މި ބަދަލުތަކުގެ ފައިދާ މިހާރު އެޗްޑީސީން ފެންނަމުންދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކުންފުނިތަކާއި ވުޒާރާތަކާއި މުއައްސަސާތަކަކީ ދެފުށް ފެންނަ ގޮތަށް ހިންގާ، ކޮރަޕްޝަނާ ދުރު ތަންތަނަށް ހެދުމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، "އެންމެން އެކުގައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ. އަޅުގަނޑަށް އެނގިގެން ފުރުސަތެއް ނުދީ، އެއްވެސް ސުވާލެއް ނެތި އެފަދަ ކަންކަން ހުއްޓުމަކަށް ގެންނަން ބޭނުންވޭ."

އެޗްޑީސީގެ އައު ވެބްސައިޓް ފަރުމާކުރެވިފައިވަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަވަހަށް އަދި ފަސޭހައިން ލިބޭނެ ގޮތަށެވެ. މީގެ ސަބަބުން ބިލްޑިންގް އެޕްރޫވަލްސްއާއި ހުއްދަތައް ހޯދުން އަވަސްވެގެންދާނެއެވެ. އަދި ކުންފުނީގެ މަސައްކަތްތަކުގެ ހާމަކަން އިތުރުކުރުމަށްޓަކައި ވިސަލްބްލޯވަރ ޕޯޓަލްއެއްވެސް ވެބްސައިޓްގައި ހިމަނާފައިވެއެވެ.

ރައީސް މުޢިއްޒު އަދި ވިދާޅުވީ، "އަޅުގަނޑުމެން އައިސް މިތިބެނީ ޓައި އަޅައިގެން މަސައްކަތް ކުރަން ރައްޔިތުން ހަވާލުކޮށްގެން. ރައްޔިތުންނަށް މިކަންތައްތައް މިކޮށްދެނީ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ފައިދާއެއްވޭ މުސާރަ ލިބުނީމަ. އެކަމަކު އެހޯދާ މުސާރައަކީ އާމްދަނީއަކީ ހެޔޮގޮތުގައި ހޯދާ އެއްޗަކަށް ވާންޖެހޭ. އޭގެއިން ބޭރުން ކަންތައްތައް ލިބިގަންނަ ފުރުސަތަކަށް އެ(ކަން) ވެގެންނުވާނެ." ރައީސް ވިދާޅުވިއެވެ.

މި ބަދަލުތަކަކީ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ގެންނެންނަ މުހިންމު ބަދަލުތަކުގެ ތެރެއިން އެއް ބަދަލު ކަމަށް ބެލެވެއެވެ. ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެޗްޑީސީގެ އައު ވެބްސައިޓް އިފްތިތާޙުކުރެވުނު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް އިސް ބޭފުޅުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރާއި ބޯޑު މެންބަރުންގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސް ވެރިން ހިމެނެއެވެ.

މި އައު ވެބްސައިޓާއެކު، އެޗްޑީސީގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ލަސްވުންތައް މަދުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އެޗްޑީސީގެ އަޕްގްރޭޑްކުރެވިފައިވާ ވެބްސައިޓް އިފްތިތާޙު ކުރެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އަލްފާޟިލް އާދަމް ޝަރީފު ޢުމަރެވެ.

ހިއްސާ ކުރައްވާ!