ދުބާއީގެ 67 ބުރީގެ ހަރޮށި ބިނާއެއްގައި އަލިފާނުގެ ހާދިސާއެއް

ދުބާއީ މެރީނާގެ 67 ބުރީގެ ހަރޮށި ބިނާއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ކުއްލި ހާލަތުގައި 3،800 އަށް ވުރެ ގިނަ މީހުން ރައްކާތެރިކަމާއެކު އިމާރާތުން ނެރެފިއެވެ. މެރީނާ ޕިނަކަލް- ޓައިގާ ޓަވަރުގެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.

ޚަލީޖް ޓައިމްސް އިން ބުނާ ގޮތުގައި ދުބާއީ ސިވިލް ޑިފެންސް ޓީމުތަކުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަ ގަޑިއިރު ވަންދެން މަސައްކަތްކޮށްފަ އެވެ. ސްޕެޝަލައިޒްޑް ފަޔަރ ފައިޓިން އަދި ރެސްކިއު ޔުނިޓްތަކުން ވަނީ އުސް އިމާރާތުގެ 764 އެޕާޓްމަންޓުން 3،820 ރައްޔިތުން ނެރެ ފައެވެ.

އަދިވެސް އިމާރާތުން ދުން އަރަމުން ދެއެވެ. ފުލުހުން ބުނަނީ އެއީ އަލިފާން ނިއްވުމަށް ފެން ޖެހުމުން އުފެދިފައިވާ ދުމެއް ކަމަށެވެ.

ކަމާ ބެހޭ ފަރާތުން ދަނީ އެ އިމާރާތުގެ ޑިވެލޮޕަރާ ގުޅިގެން ގެދޮރު ގެއްލިފައިވާ މީހުންނަށް ވަގުތީ ގޮތުން ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް މަސއްކަތް ކުރަމުންނެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

މިއީ މެރީނާ ޕިނަކަލްގައި އަލިފާން ރޯވި ފުރަތަމަ ފަހަރެއް ނޫނެވެ. 2015 ވަނަ އަހަރު 47 ވަނަ ފަންގިފިލާގެ ބަދިގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ ކުރިން 48 ވަނަ ފަންގިފިލާއަށް ފެތުރިގެން ދިޔަ އެވެ.

ހިއްސާ ކުރައްވާ!