އިޒްރޭލު މީޑިއާ: ހީވީ ގިޔާމަތްވީ ހެން

އީރާނުން ވަނީ މެދުތެރޭ އިޒްރޭލުގެ ޓެލް އަވީވް އާއި އެ ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދުތަކާއި ފަލަސްތީނުގެ އުތުރުން ހިފާފައިވާ ސަރަހައްދުތަކުގެ ހައިފާ އަށް އަމާޒުކޮށްގެން ހޯމަ ދުވަހުގެ ފަތިހު އާ މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ. މިއީ އޮޕަރޭޝަން ވައުދުއްސާދިޤު 3 ގައި އިޒްރޭލު ގެ އުދުވާނާ ދެކޮޅަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ރައްދު ހަމަލަތަކެކެވެ.

އިޒްރޭލު މިޑިއާގެ މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ މިސައިލް ތަކުގެ ސަބަބުން މެދުތެރޭ އިޒްރޭލުން މެދު ނުކެނޑި އަޑުތައް އިވެމުން ގޮސްފައި ވެއެވެ.

އީރާނުގެ މިސައިލްތައް ވެއްޓުނީ ހިފާފައިވާ ފަލަސްޠީނުގެ ނެގޭވްގައި ހުރި އަސްކަރީ މަރުކަޒުތަކާއި ހިފާފައިވާ ޖަލީލުގައި ހުރި އިޒްރޭލުގެ ސިފައިންގެ ކޭމްޕްތަކަށެވެ.

އަދި ހިފާފައިވާ ހައިފާއަށް ވެއްޓުނު އީރާނުގެ މިސައިލްތަކުގެ ސަބަބުން ބޮޑެތި ގޮތުންތައް އެކި ސަރަހައްދުތަކުގައި ގޮވާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުގެ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެލްއަވީވް އާއި ވަށައިގެންވާ ސަރަހައްދުތަކަށް އީރާނުގެ އެތައް މިސައިލެއް ވެއްޓިފައިވެ އެވެ.

މީޑއާ ރިޕޯޓްކޮށްފައިވާ ގޮތުގައި މެދުތެރޭގެ އިޒްރޭލު ސަރަހައްދުގައި ހުރި އުސް ދެ ރެސިޑެންޝަލް އިމާރާތަކަށް ސީދާ ހަމަލަ އަމާޒުކޮށްފައި ވާކަމަށާއި  ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް 8 ޓީމަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެ އެވެ.

ޓެލްއަވީވްގެ އިރުމަތީގައި އޮންނަ ޕެތާ ޓިކްވާގައި ހުރި އިމާރާތަކަށް ވެސް އީރާނުގެ މިސައިލެއް އަމާޒު ވެފައި ވެއެވެ. އަދި ހައިފާއަށް ވެސް ރޮކެޓް ހަމަލައެއް އަމާޒުކޮށް އިންޖީނުގެއަކަށް ހަމަލަ ދީފައި ވެއެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ ކުންފުނި އަމްބްރޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހައިފާ ބަނދަރު ކައިރީގައި ހުންނަ އިންޖީނުގެއެއްގައި އަލިފާން ރޯވެފައިވާ ކަމަށާއި އެތަނަށް ދެ ބެލެސްޓިކް މިސައިލް ވެއްޓުނު ކަމަށް ބުނެފައި ވެއެވެ.

އިޒްރޭލުގެ މީޑިއާއިން އިޒްރޭލުގެ ހާލަތު ސިފަކޮށް ބުނެފައި ވަނީ ޤިޔާމަތް ދުވަސް ލައިގަތުން ފަދަ ކަމެއް ދިމާވީ ކަމަށެވެ.

މީހުން މަރުވެފައިވާ ކަމަށް ޔަހޫދީންގެ މީޑިއާއިން ބުނެފައި ވެއެވެ. އެކި ޗެނަލް ތަކުން ދީފައި ވަނީ ތަފާތު އަދަދުތަކެވެ.

އިޒްރޭލުގެ އިލެކްޓްރިކް ކޯޕަރޭޝަނުން ބުނީ މެދުތެރޭ އިޒްރޭލުގެ ބައެއް ތަންތަނަށް ރޮކެޓް ހަމަލައާ ގުޅިގެން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އިޒްރޭލުގެ މީޑިއާއިން ވަނީ ބައެއް ސަރަހައްދުތަކުން އެއްކޮށް ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ސީއެންއެންއާ ވާހަކަ ދައްކަވަމުން އަސްކަރީ މާހިރު ސެޑްރިކް ލޭޓަން ބުނެފައި ވަނީ އީރާނުން ބޭނުންކޮށްފައި ވަނީ ބާރުގަދަ މިސައިލް ކަމަށާއި ކުރިން ބޭނުން ކުރި މިސައިލްތަކާއި ރޭ ބޭނުން ކުރި މިސައިލްތައް ތަފާތު ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އީރާނުގެ މިސައިލްތަކަކީ އަމާޒު ދަނެގަނެ، އަމިއްލައަށް ހޭރިއާ ކުރުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެހި ކަމުން އެ މިސައިލްތައް ހުއްޓުވުމަށް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ކުރި މަސައްކަތްތައް ނާކާމިޔާބު ވިއެވެ.

އިޒްރޭލު ސިފައިންނާ ހަވާލާދީ އިޒްރޭލުގެ މީޑިއާއިން ވެސް ވަނީ ރޮކެޓް އަމާޒުވާ ތަންތަނުގެ މަންޒަރު ނުނެގުމަށް އަންގާފައެވެ.

ރޭ މދު ނުކެނޑި ސައިރެން އިވިފައިވަނީ ހިފާފައިވާ ފަލަސްތީނުގެ އުތުރާއި ދެކުނުގެ އިތުރުން ޓެލްއަވީވް، ނޭގޭވް، އަދި ގުދުސްގައެވެ.

ހިއްސާ ކުރައްވާ!