"ގެދޮރުވެރިޔާ" ސްކީމުގެ 4،000 ފްލެޓުގެ އެއްބަސްވުމުގައި އަންނަ ހަފުތާ ސޮއިކުރަން ފަށަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އަންނަ ހަފްތާގައި އެއްބަސްވުމުގައި ސޮއި ކުރަން ފަށާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހަދާފައިވާ މި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ފައިނަލް ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން، ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިގެން ފްލެޓު އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތާއި، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ އިންތިޒާމުތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތް ލަސްވީ، ކުރީ ސަރުކާރުގެ ދަށުން އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން، ޚާއްސަކޮށް އެއްބަސްވުންތައް ކަމާގުޅޭ އިދާރާތަކުން ވެޓްކޮށްފައި ނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "އަޅުގަނޑުމެން ލިސްޓް ނެރެގެން ލިސްޓްގެ ކަންތައްތައް ބެލިއިރު އެޗްޑީސީގެ ފަރާތުން ކުރަންޖެހޭ އެގްރިމަންޓް އޮތީ ކަމާ ގުޅޭ އިދާރާތަކުން ވެޓްކޮށްފައެއް ނޫން. މިނިސްޓްރީންވެސް ވެޓް ކޮށްފައެއް ނެތް. އަދި އެޓާނީ ޖެނަރަލް އޮފީހުންވެސް ވެޓްކޮށްފައެއް ނެތް،" މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.

4،000 މީހުންނާ އެކު ސޮއި ކުރުމަކީ ބުރަ ބޮޑު މަސައްކަތަކަށްވާތީ، ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ހާއްސަ ތަނެއް ހުންނަންޖެހޭ ކަމަށާއި، އެޗްޑީސީއާ ގުޅިގެން މިހާރު ތަނެއް ހަމަޖައްސައި ޓެންޓް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަނަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި ވަސީލަތްތައް ހަމަޖައްސަމުންދާ ކަމަށްވެސް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

މި ފްލެޓުތަކުގެ އެއްބަސްވުން ހަދަން ނިންމާފައިވަނީ 25 އަހަރަށެވެ. އަދި އެ ތަން ލިބޭ މީހުންނަށް އެޕާޓްމަންޓު މިލްކު ކޮށްދޭނީ، އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ޚަލާސް ކުރުމުންނެވެ.

މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ.

ނަމަވެސް، އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުންނަށް ކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ. އެއަށްފަހު މި ސަރުކާރުން ލިސްޓުގައި ޝަރުތު ހަމަވާ މީހުންގެ ފޯމުތައް ބެލުމަށް ފަހު، އަލުން ލިސްޓެއް ނެރުނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ހިއްސާ ކުރައްވާ!