ވެލިދޫ މެންބަރު ސަރުކާރުގެ މަޝްރޫޢުތަކަށް ހުރަސް އަޅުއްވަނީ

ސަރުކާރުން ރައްޔިތުންނަށް ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި، ބައެއް މަޝްރޫޢުތައް ހިންގުމަށް ހުރަސްއަޅަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފާހަގަކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނ. ފޮއްދޫގައި ރައްޔިތުންނާ ބައްދަލު ކުރެއްވި ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޝްރޫޢުތައް ހިންގުމުގައި މިފަދަ ހުރަސްތަކާ ކުރިމަތިވީ ނަމަވެސް، އެކަމާ އެއްވެސް ކަންބޮޑުވުމެއް ސަރުކާރަށް ނެތް ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރައްޔިތުންނާ އެކީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

"މި ދަތުރުންވެސް ފެންނާނެ، އެކަމާ އެއްވެސް ކަންބޮޑުވުމެއް އަޅުގަނޑުމެންގެ ނެތްކަން. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އަޅުގަނޑުމެން ދާނީ ރައްޔިތުންނާ އެކީގައި ކުރިއަށް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ މެންބަރުންގެ ޒިންމާތަކަށް އަލިއަޅުވާލައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ މަންދޫބަކު ކަމަށްވާނަމަ ސިޔާސީ ޚިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިމައްޗަށް ގެނެސްގެން ނުވާނެ ކަމަށެވެ. އަދި އެއަށްވުރެ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް ހުރިހާ އެންމެނާއެކުވެސް ހަމަހަމަކޮށް މަސައްކަތް ކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ ރައްޔިތުން އިންތިޚާބުކޮށްފައި ހުންނަ މަންދޫބަކު ކަމަށްވާނަމަ ސިޔާސީ ޚިޔާލު ތަފާތުވުން އެއްވެސް ވަރަކަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކުރިމައްޗަށް ގެނެސްގެން ނުވާނެކަން. އެއަށްވުރެ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލް ކޮށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަން ޖެހޭކަމަށް،" ރައީސް

މިކަމާ ގުޅިގެން ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ހުރަހެއް ކުރިމައްޗެއް ނުވާ ކަމަށާއި، އެމަނިކުފާނަށް އެފަރާތްތަކުން ލިބޭ އެއްބާރުލުން ވެލިދޫ މެމްބަރަށް ވުރެން ރަނގަޅު ވެފައި ފަސޭހަ ކަމަށެވެ. ނަމަވެސް، ޚާއްސަކޮށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ފަރާތުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތި ކުރައްވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ދިނުމަށް ކަމަށާއި، އެކަމަށް އޮންނަ ހުރިހާ ހުރަހެއް ގިރާކުރައްވައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ހިއްސާ ކުރައްވާ!