ދުންފަތުގެ ވިޔަފާރިކުރުމުގެ ހުއްދަ 200އަށް ވުރެ ގިނަ ފަރާތަށް ދޫކޮށްފި

ދުންފަތުގެ ބާވަތްތައް ވިއްކުމަށް ސިއްޙީ ވުޒާރާއިން ދޫކުރާ ޚާއްސަ ލައިސަންސް މިހާތަނަށް 200އަށް ވުރެ ގިނަ ފަރާތަށް ދޫކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ. މި ލައިސަންސް ނަގަން ޖެހޭގޮތަށް ޤާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ އާދައިގެ ވިޔަފާރީގެ ހުއްދައިގެ އިތުރުން ނަގަންޖެހޭ ލައިސަންސެކެވެ.

އެޗްޕީއޭއިން ހާމަކުރެއްވި ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ޢާއްމު ޤަވާއިދުގެ ދަށުން ދޫކުރާ މި ލައިސަންސަށް އެދި މިދިޔަ އެޕްރީލް މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ޖުމްލަ 767 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. މި އެޕްލިކޭޝަންތަކުގެ ތެރެއިން 652 އެޕްލިކޭޝަން ވަނީ ވެރިފައިކޮށް ނިމިފައެވެ.

ވެރިފައިކުރި އެޕްލިކޭޝަންތަކުގެ ތެރެއިން 243 އެޕްލިކޭޝަން ވަނީ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ކެންސަލްކޮށްފައެވެ. އަދި 177 އެޕްލިކޭޝަން ވަނީ އިޞްލާޙުކުރަންޖެހޭ ކަންކަން ހުރުމުން ހުއްދަނުދީ ހިފަހައްޓާފައެވެ. މިހާތަނަށް ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ދޫކުރެވިފައިވަނީ 209 ފަރާތަކަށެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކޮށް ސިއްޙީ ގެއްލުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދާއެކު ގިނަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު ޢުމުރަކީ 21 އަހަރުކަމަށް ކަނޑައަޅާފައިވާއިރު، ދުންފަތުގެ ބާވަތްތަކާއި ވޭޕްއިން ނަގާ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްސަދަކީ ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަދުކޮށް، ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމެވެ.

ހިއްސާ ކުރައްވާ!