މިސްކިތުގެ މަސައްކަތް ނިންމުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި

އިސްލާމިކް މިނިސްޓްރީން ވަނީ ހއ. މުރައިދޫ އަދި ގއ. ގެމަނަފުށީގައި މަސައްކަތް މެދުކަނޑާލެވިފައިވާ މިސްކިތްތަކުގެ މަސައްކަތް ފުރިހަމަކުރުމަށް އައު ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ކުރިން ކުރަމުން އައި އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތް ލަސްވެ، ނުނިމި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން، މިހާރު ވަނީ އެމްޓީސީސީ އާއި އާރުޑީސީއާ މި މަސައްކަތް ހަވާލުކޮށްފައެވެ.

މި ދެ މިސްކިތަކީ 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރުގެ ޖާގައިގެ މިސްކިތްތަކެކެވެ. މި މިސްކިތްތަކުގައި ވުޟޫކުރާ ތަނާއި، މުއްނާރު، އަދި ލައިބްރަރީއެއް ވެސް ހުންނާނެއެވެ. އަދި މި މިސްކިތްތަކުގެ ކަރަންޓު ބޭނުންކުރާނީ އިޔާދަކުރަނިވި ހަކަތައިންނެވެ.

މި މަޝްރޫޢުތަކަށް ސަރުކާރުން 7.7 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، މުރައިދޫ މިސްކިތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެއެވެ. ގެމަނަފުށީ މިސްކިތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. އިސްލާމިކް މިނިސްޓްރީން ބުނާ ގޮތުގައި މި އަހަރު 13 މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައި ވެއެވެ. އޭގެ ތެރޭގައި ހއ. ދިއްދޫގެ އިސްލާމީ މަރުކަޒުވެސް ހިމެނެއެވެ. މީގެ އިތުރުން މި އަހަރު ތެރޭގައި 4 ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ހަވާލުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. (ފޮޓޯ އިސްލާމިކް މިނިސްޓްރީ)

ހިއްސާ ކުރައްވާ!