ކައުންސިލްތަކުގެ އަގު ވައްޓާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވެއްޖެ

ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކުގެ އިތުބާރު ނަގައިލައި އަގު ވައްޓާލަން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ މަޖިލިސް ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރު ހިންގާ ޕީއެންސީން ބޭނުންވަނީ ބާރުތައް އެފަރާތުގެ އަތުގައި ހިފަހައްޓައިގެން، ރައްޔިތުންނަށް އެއްވެސް ބާރެއް ނުލިބޭ ގޮތް ހެދުމެވެ. އަދި ލާމަރުކަޒީ ގާނޫނަކީ އެމްޑީޕީގެ "ބަނޑުން ވިހެއި ދަރިއެއް" ކަމަށް ބުނާ ކޮންމެ ފަހަރަކު ޕީއެންސީގެ ފަރާތްތަކުން އެކަމާ ހަޖޫ ޖަހަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް ވިދާޅުވީ ކައުންސިލްތަކުގައި ތިބެނީ މަންމައާއި ބައްޕައާއި ދަރިންނޭ. ދަނީ މަހަށޭ. ނިކަމެތި ކޮށްލަށްވާނަމޭ ވިދާޅުވެ، ހިތްޕުޅާ ވިދާޅުވީ މަހަށް ދަނިއްޔޭ،" ޝާހިދު ވިދާޅުވިއެވެ. މިއީ ކައުންސިލަރުންގެ އަގު ވައްޓާލުމަށް ރައީސް ދެއްކެވި ވާހަކަފުޅެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ދަށުން ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު މާލީ ކަންކަމުގައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސާފައި ވެއެވެ. މީގެ ތެރޭގައި ދާއިމީ މުވައްޒަފުން ނެގުމާއި، ބިންތައް ކުއްޔަށް ދޫކުރުމާއި، އާ ތަރައްގީގެ މަޝްރޫއުތައް ފެށުން ހިމެނެއެވެ.

މި އިސްލާހާ ދެކޮޅަށް 56 އަށް ވުރެ ގިނަ ރަށު އަދި އަތޮޅު ކައުންސިލުން ބަޔާން ނެރެފައިވެއެވެ.

އެމްޑީޕީގެ ރައީސް ޝާހިދު ވަނީ ކުލަޔަކަށް ފިކުރަކަށް ބެލުމެއްނެތި ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާ ދެކޮޅަށް ތެދުވުމަށް ގޮވާލައްވާފައެވެ. އަދި އެމްޑީޕީގެ ވެރިކަމެއްގައި ލާމަރުކަޒީ ނިޒާމް މަގުމަތިވިޔަ ނުދޭނެ ކަމަށާއި، ރައްޔިތުންނަށް މާލީ އަދި ޤާނޫނީ ބާރުވެރިކަން ކައުންސިލްތައް މެދުވެރިކޮށް ހޯދައިދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުމެން ރައްޔިތުންނަށް މާލީ ބާރުވެރިކަމާއި ރައްޔިތުންނަށް ޤާނޫނީ ބާރުވެރިކަން ކައުންސިލްތައް މެދުވެރިކޮށް ހޯދައިދޭނަން" ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވަނީ ކައުންސިލްތަކުގެ މާލީ އިޚްތިޔާރުތައް މަދުކުރުމަށް ހުށަހެޅިފައިވާ ބިލު ތަސްދީޤު ނުކުރުމަށް ރައީސް މުޢިއްޒަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، 56 ކައުންސިލަކުން މިކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކޮށް ބަޔާން ނެރެފައިވީ ނަމަވެސް، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މި ބިލު ފާސްކުރީ އެ ކަންބޮޑުވުންތަކަށް އިޖާބަ ނުދީއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 25 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވަނީ، އެމްޑީޕީ އަލުން ވެރިކަމަށް އައިސްފި ކަމުގައިވާނަމަ، ލާމަރުކަޒީ ޤާނޫނަށް އިތުރު ބަދަލުތަކެއް ގެނެސް، މިހާރަށްވުރެ ބޮޑަށް ރަށްތަކާއި ސިޓީތަކަށް ބާރުވެރިކަމާއި މިނިވަންކަން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޕާޓީއެއްކަން ފާހަގަކުރައްވަމުން، ކުރީގެ އެމްޑީޕީ ސަރުކާރުން ވެސް ކައުންސިލްތަކަށް އިތުރު ބާރުތަކެއް ދީފައިވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރަށު އަދި ސިޓީ ކައުންސިލްތަކަށް އިތުރު އިޤްތިޞާދީ އަދި އިދާރީ ބާރުތައް ދިނުމަށް އެމްޑީޕީން ތާއީދުކުރާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!