ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕްތަކަށް 29 ފަރާތަކުން އެދިއްޖެ

ޒަކާތު ފަންޑުން މިއަހަރު ހުޅުވާލި ސްކޮލަރޝިޕްތަކަށް 29 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފިއެވެ. މިގޮތުން ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރެއިން 18 އެޕްލިކޭޝަނަކީ މަތީ ތަޢުލީމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކެވެ. އަދި 11 އެޕްލިކޭޝަނަކީ ޚާއްސަ ސްކޮލަރޝިޕްތަކަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކެވެ.

ޒަކާތު ފަންޑުން މިއަހަރު ޖުމްލަ 50 ސްކޮލަރޝިޕް ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރެއިން 20 ފުރުސަތަކީ ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ. އަދި 30 ފުރުސަތަކީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން މެޑިކަލް ދާއިރާގެ ސުޕަރ ސްޕެޝަލިސްޓުން ތައްޔާރުކުރުމަށް 4 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުތަކަކީ ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ދާއިރާތަކުން ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ.

އަދި އިސްލާމީ ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑްގެ ގޮތުގައި 10 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންގެ މަޢުލޫމާތު އިސްލާމިކް މިނިސްޓްރީން އިޢުލާނު ކުރާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!