ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި 3 މީހެއްގެ މައްޗަށް ދައުވާކޮށްފި

މިދިޔަ މާޗް މަހު ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި "ގައުމީ ސަލާމަތާބެހޭ އޮޕަރޭޝަން" ގައި ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް، ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުމާއި ހަނގުރާމައަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފިއެވެ.

ދައުވާ ކުރެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސ. މަރަދޫ ފިނިފެންމާގެ، އިބްރާހީމް ވިސާމް، ގދ. ނަޑެއްލާ ހިތަށްފިނިވާގެ، ސައުސަން ރަޝީދު އަދި މ. އެޗީވް، އަބްދުﷲ ހުވައިރިސް ބިން މުހައްމަދެވެ. މި ދައުވާތައް ކޮށްފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އައިސިސް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ މައްސަލައަކާ ގުޅިގެންނެވެ.

ވިސާމްގެ މައްޗަށް ކޮށްފައިވަނީ ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާއެވެ. ސައުސަންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައި ވާއިރު، ހުވައިރިސްގެ މައްޗަށް ވަނީ ތިން ދައުވާއެއް ކުރެވިފައެވެ. މީގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާކަން ދޭހަވާ ލިޔުން ގެންގުޅުމާއި، ހަނގުރާމައަށް މީހަކު ފޮނުވުމަށް މަސައްކަތްކުރުމުގެ ދައުވާ ހިމެނެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، "މި މައްސަލައިގައި ދެ މީހަކު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. އަދި ތިން ވަނަ މީހާގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކުރަމުންދާއިރު، އެންމެ ފަހުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމުގެ އަމުރެއް ލިބިފައިވެއެވެ."

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ ބައެއް ގެތަކާއި ގަރާޖުތައް ވެސް ފާސްކުރެވުނެވެ. މައްސަލައިގެ ތަޙުޤީޤު މިހާރުވެސް ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ހިއްސާ ކުރައްވާ!