ޗައިނާގެ ޓިއަންޖިން ސިޓީގައި ބޭއްވި ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ސަމިޓްގައި، ހުޅަނގުގެ ނުފޫޒު ކުޑަކޮށް، ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށް އައު މާލީ ނިޒާމެއް ގާއިމުކުރުމަށް ޗައިނާ، އިންޑިއާ އަދި ރަޝިޔާއިން ވަނީ އެއްބަސްވެފައެވެ. މި ސަމިޓްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ އެސްސީއޯގެ އައު ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ހުށަހަޅުއްވާ ފައެވެ. މި ބޭންކުން ކުރިއަށް އޮތް 3 އަހަރު ތެރޭގައި 1.4 ބިލިއަން ޑޮލަރުގެ ލޯނާއި ހިލޭ އެހީ ދޫކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އެނަރޖީ ކޯޕަރޭޝަން ޕްލެޓްފޯމެއް ގާއިމުކުރުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.
ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ވަނީ ޝީ ޖިންޕިންގްގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާ، އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މާލީ މުއައްސަސާތައް އިސްލާހު ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއިން ބައިނަލްއަގްވާމީ މާލީ ނިޒާމު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ވިދާޅުވެ ފާޑުކިޔުއްވާފައެވެ.
2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެސްސީއޯ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ، އެމެރިކާއިން ޓެރިފް އިތުރުކުރަމުންދާތީ، އިންޑިއާގެ ވިޔަފާރި ގުޅުންތައް ތަފާތު ގައުމުތަކާއެކު އިތުރުކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ. "އަޅުގަނޑުމެން ބޭނުންވަނީ ސަރަހައްދީ އެއްބާރުލުން އިތުރުކޮށް، ގައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށް" މޯދީ ވިދާޅުވިއެވެ.