ބަނގްލަދޭޝްގައި މިވަގުތު ކުރިމަތިވެފައިވަނީ ސިޔާސީ ހުސްކަމެއް ކަމަށާއި މި ހުސްކަމުގެ ތެރޭގައި އިސްލާމީ ފިކުރުގެ ނުފޫޒު އިތުރުވަމުންދާ ކަމަށް ނޯތްއީސްޓް ނިއުސްއިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. މި ރިޕޯޓުގައި ބަނގްލަދޭޝްގެ މިހާރުގެ ހާލަތު ސިފަކޮށްފައި ވަނީ "ލަސް ދުވެލީގައި ކުރިއަށްދާ އާންމު ހަނގުރާމައަކާ" އެއްފަދަ ކަމެއްގެ ގޮތުގައެވެ. ބަނގްލަދޭޝްގައި ޚުދު މުޚުތާރު ގޮތަކަށް ވެރިކަން ކުރެއްވި ޝެއިޚު ހަސީނާގެ ވެރިކަން އާންމުންގެ އުތުރި އެރުމެއްގައި ވައްޓާލި ފަހުން ޖަމާއަތޭ އިސްލާމީން ވަނީ ސިޔާސީ މަސްރަޙުގައި އިސް ދައުރެއް އަދާކުރަން ފަށާފައެވެ. ޖަމާއަތޭ އިސްލާމީ އަކީ ހަސީނާގެ ސަރުކާރުން ލީޑަރުން ޖަލަށް ލައި އެއްބަޔަކު ދަންޖައްސައިގެން ކޮންޓްރޯލު ކޮށްގެން ގެންގުޅުނު ޕާޓިއެކެވެ. ހަސީނާގެ އަވާމީ ލީގު ޕާޓީއަކީ އިލްމާނީ ލާދީނިއްޔަތަށް ތާއީދު ކުރި ޕާޓީއެކެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަނގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ އެބައި މީހުންގެ ސިޔާސީ ހަތުރު އަވާމީ ލީގު ސިޔާސީ މައިދާނުގައި މަނާކުރުމަށް ތާއީދުކޮށްފައެވެ. އަވާމީ ލީގަކީ ގައުމުގެ 30 އިންސައްތަ އަށްވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ޕާޓީއެކެވެ. މީގެ އިތުރުން ކުރީގެ ރައީސް ޖެނެރަލް ޙުސައިން އިރުޝާދު އުފެއްދެވި ޖަތިޔާ ޕާޓީ (ޖޭޕީ) އަށްވެސް މިފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އިޙުސާސް ކުރެވިފައި ވެއެވެ. ޖަތިޔަ ޕާޓިއަކީ އެއް އިރެއްގައި އަވާމީ ލީގަށް ތާއީދު ކުރި ޕާޓީއެކެވެ.
ބަނގްލަދޭޝްގައި އަދިވެސް ހަމަލަތައް ދިނުމާއި އާންމު ހަމަނުޖެހުމުގެ މައްސަލަތައް ކޮންޓްރޯލު ކުރެވިފައެއް ނުވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބަނގްލަދޭޝްގައި 441 ރޭޕް މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ. މިއީ މިދިޔަ އަހަރަށްވުރެ ގިނައިން ރިޕޯޓު ކޮށްފައިވާ އަދަދެކެވެ. އަދި އޭގެ އިތުރުން މީހުން މެރުންވެސް އާންމު ކަމަށާއި އެވްރެޖްކޮށް 43 މީހުންގެ ހަށިގަނޑު ކަނޑުން ފެންނަ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މޭ މަހާ ހަމައަށް 266 މީޑިއާ ޕްރޮފެޝަނަލުންނާ ދެކޮޅަށް ޖިނާއީ ދަޢުވާތައް އުފުލާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި މީޑިއާއާ ދެކޮޅަށް 196 ހަމަލާ ރިކޯޑުކުރެވިފައިވެއެވެ. އޯގަސްޓް މަހުގައި ދެ ނޫސްވެރިން މަރާލާފައި ވެއެވެ. އަދި އެއް އެޑިޓަރަކު ދަންޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ބައި މަދު މީހުންނަށް ކުރިމަތިވަމުންދާ ނުރައްކާތައްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޖުލައި 2024 އިން ފެށިގެން ގަބުރަށް އަޅުކަން ކުރާ މީހުން ގެންގުޅޭ 84 ޒިޔާރަތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައި ވެއެވެ. އަދި މި މައްސަލަތަކާ ގުޅިގެން ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަންވެސް ފާހަގަކޮށްފައިވެއެވެ.