ރަޝިޔާގައި ކިޔެވުމަށް، ދިވެހި ދެ ދަރިވަރަކަށް، ރަޝިޔާ ސަރުކާރުގެ ފުރިހަމަ ސްކޮލަރޝިޕް ހަވާލުކޮށްފިއެވެ. މި ސްކޮލަރޝިޕްތައް ހަވާލުކޮށްދެއްވީ މާލޭގައި ހުންނަ ރަޝިޔާގެ ކޮންސިއުލޭޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކޮންސަލް ޖެނެރަލް އަލެކްސީ އިޑަމްކިންއެވެ.
ކޮންސިއުލޭޓްގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކޮންސުލް ޖެނެރަލް ވަނީ ދިވެހި ދެ ދަރިވަރުންނަށް މައުލޫމާތު ދެއްވައި ކިޔެވުމަށް ހިތްވަރު ދެއްވާފައެވެ. އަދި ދަރިވަރުން ރަޝިޔާގައި ހޭދަކުރާ ވަގުތު އިލްމީ ގޮތުން މުއްސަނދިކަން ހޯދުމުގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ފާލަމަކަށް ހެދުމަށްވެސް އެދިވަޑައި ގަތެވެ.
ރަޝިޔާ ފެޑެރޭޝަންގެ ސްކޯލާޝިޕަކީ ރާއްޖެއަށް އަބަދުވެސް ޒަމާނުއްސުރެން ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މި ސްކީމްގެ ދަށުން ކުރީގެ ރޫސީވިލާތާއި ރަޝިޔާގައި ތައުލީމު ހާސިލުކޮށްފައެވެ. މި ދިގު މުއްދަތުގެ ޕްރޮގްރާމްގެ ދަށުން، އިންޖިނިއަރިންގ އާއި ބޭސްވެރިކަން ފަދަ ދާއިރާތަކުން އަންޑަގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯސްތަކަށް ފުރުސަތު ދެމުން ގޮސްފައި ވެއެވެ. މީގެ ތެރޭގައި ކިޔެވުމުގެ ޚަރަދުގެ އިތުރުން، ދިރިއުޅުމުގެ ޚަރަދާއި ދަތުރުފަތުރުގެ ޚަރަދު ދިނުންވެސް ހިމެނެއެވެ.
ރަޝިޔާއިން ވަނީ 2026-27 ވަނަ ތަޢުލީމީ އަހަރުގެ ސްކޯލާޝިޕްތަކަށް ފުރުސަތު ހުޅުވާލާފައެވެ. އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން education-in-russia.com ގެ ޕޯޓަލް މެދުވެރިކޮށް "އެޑިޔުކޭޝަން އިން ދަ ރަޝިއަން ފެޑެރޭޝަން ފޯ ފޮރިނާސް" ސިސްޓަމްގައި ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި އޮންލައިން ފޯމާއެކު، ޕާސްޕޯޓް ސައިޒް ފޮޓޯއަކާއި ޕާސްޕޯޓާއި ތަޢުލީމީ ލިޔުންތަކުގެ ކޮޕީ ވެސް ހުށަހަޅަންޖެހޭނެއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރަޝިޔާއިން ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކަށް، ޚާއްސަކޮށް ކުދި ޖަޒީރާ ޤައުމުތަކުގައި އެ ޤައުމުގެ މަގްބޫލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އިޤްތިޞާދު ސިންދަފާތު ކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެއެވެ.