ސަލާމަތާ ގުޅޭ ކަންކަމުގައި އިންޑިއާއާއި ރާއްޖެއިން މަޝްވަރާތައް ބާއްވައިފި

އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ރާޖެޝް ކުމާރު ސިންގ އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ދިފާއީ އަދި ސަލާމަތީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތަކުގައި އަސްކަރީ ތަމްރީނުތަކާއި، ޤާބިލްކަން އިތުރުކުރުމާއި، ދިފާއީ އާލާތްތަކާ ގުޅޭ ދާއިރާއިން މަޗްވަރާ ކުރުން ހިމެނޭ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމަކީ މިއަހަރުގެ ކުރީކޮޅު ބޭއްވި ހައި-ލެވެލް ކޯ ގްރޫޕް (އެޗްއެލްސީޖީ) ބައްދަލުވުމުގެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވުނު މަޝްވަރާތަކެއް ކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން، ސިޔާސީ ގުޅުންތައް ހަރުދަނާކުރުމާއި، އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތާ ގުޅޭ ވިޝަން ޑޮކިއުމެންޓްގެ ދަށުން ކުރެވިފައިވާ މަސައްކަތްތައް ވެސް ވަނީ މި ބައްދަލުވުމުގައި މުރާޖަޢާ ކުރެވިފައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ފާހަގަކުރި ގޮތުގައި، މި މަޝްވަރާތަކުގައި ސިޔާސީ ގުޅުންތަކާއި، ވިޔަފާރި، އިޤްތިޞާދު، ޞިއްޙަތު އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ކަންކަން ވެސް ހިމެނުނެވެ. އަދި ދިވެހިރާއްޖެއަކީ އިންޑިއާގެ 'ނޭބަރހުޑް ފަސްޓް' ސިޔާސަތާއި ވިޝަން މަހާސާގަރުގައި މުހިންމު ޕާޓްނަރެއްކަން އިންޑިއާއިން ފާހަގަކޮށްފައިވެއެވެ.

ދެ ގައުމުން އެއްބަސްވެފައިވަނީ ތިންވަނަ އެޗްއެލްސީޖީ ބައްދަލުވުން މާލޭގައި ބޭއްވުމަށެވެ. މިއީ އިންޑިއާ ކަނޑު ސަރަޙައްދުގައި ބަދަލުވަމުންދާ ޖިއޯޕޮލިޓިކަލް ޙާލަތުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!