ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ނިަންމަން ޔަހޫދީން އެއްބަސްވި ކަމުގައިވިޔަސް އިސްރާއީލާ އެކު އޮތް ހަނގުރާމަ ނިމުނީ ކަމަށް ނުބެލެވޭނެ ކަމަށް ފަލަސްތީނުގެ ނެޝަނަލް އިނީޝިއޭޓިވް މޫވްމަންޓްގެ ސެކްރެޓަރީ ޖެނެރަލް މުސްތަފާ ބަރުޣޫތީ ވިދާޅުވެއެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަން ހޯދުމުގެ ފުރުސަތު ކުރިއާ އަޅާބަލާއިރު މިހާރު ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްތީނު ލީޑަޝިޕް އެއްބައިވުމަކީ މިހާރު ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ޗައިނާގެ ބެއިޖިންގ އެއްބަސްވުމުގެ ދަށުން ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފައްދައި، އާންމު އިންތިޚާބުތަކަށް މަގުފަހިކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓްރަމްޕްގެ ޕްލޭނުގައި ބުނާ ބޭރުގެ ބެލެނިވެރިކަމެއް ފަލަސްތީނުގެ މައްޗަށް އޮތުމަށް ފަލަސްތީނު ރައްޔިތުން ދެކޮޅު ހަދާކަމަށްވެސް ވިދާޅުވިއެވެ.
ޔަހޫދީން ހިންގާފައިޥާ ޖެނޮސއިޑްގައި ބޮން އަޅާފައިވާ މިންވަރަށް އިޝާރާތް ކުރައްވަމުން ބަރުޣޫޘީ ވިދާޅުވީ އެއީ ހިރޯޝިމާ އަދި ނަގަސަކީއަށް އެޅި ބޮންތަކަށްވުރެ 8 ގުނަ އިތުރު އަދަދެއް ކަމަށެވެ. ޣައްޒާގެ 92% އިމާރާތްތަކާއި 94% ހޮސްޕިޓަލްތައް ޔަހޫދީން ހަލާކުކޮށްފައިވާ ކަމަށާއި، ޖަބާލިޔާ، ބައިތުލާހިޔާ އަދި ބައިތު ހަނޫން ފަދަ ސިޓީތައް އެއްކޮށް ޔަހޫދީ ޓެރަރިސްޓުން ހަލާކުކޯށްފައިވާ ކަމުގައި ވިދާޅުވިއެވެ.
ފަލަސްތީނު ދައުލަތް ގަބޫލުކުރާ ގައުމުތަކުގެ އަދަދު މިހާރު ވަނީ 159 އަށް އިތުރުވެފައެވެ. އަދި ޒަޔަނިސްޓު އިސްރާއީލަށް ވަނީ ކުރިން ނުދެކޭފަދަ އިގްތިސާދީ އަދި އިންސާނީ ގެއްލުންތަކެއް ލިބި، ބައިނަލްއަގްވާމީ މުޖުތަމައުގައި ބަދުނާމުވެ އެކަހެރިވެފައި ކަމަށް ވެސް ބަރުޣޫތީ ވިދާޅުވިއެވެ.







