އިޒްރޭލު މުހައްލިލުން ބުނަނީ ހަމާސް ވަރުގަދަވީ ކަމަށް

ހަނގުރާމައިގެ ސަބަބުން ހަމާސްގެ ސިޔާސީ ބާރުވެރިކަން އިތުރުވެ، ފަލަސްތީނު ރައްޔިތުން ތަމްސީލުކުރާ މުހިންމު ބާރަކަށް ހަމާސް ވެގެން ގޮސްފައިވާ ކަމަށް އިޒްރޭލު މުހައްލިލުން ބުނެއެވެ. އަދި އިސްރާއީލަށް ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑެތި ގެއްލުންތަކާ ކުރިމަތިވެ، ބަދުނާމުވެ ދުނިޔޭގެ ރައްޔިތުންގެ ތާއީދު ފަލަސްތީނަށް ލިބިފައިވާ ކަމަށްވެސް ބުނެއެވެ.

ތެލް އަވީވް ޔުނިވަރސިޓީގެ ޕރޮފެސަރު އެޔަލް ޒިސަރގެ ދެކޭގޮތުގައި، ފަލަސްތީނު ގެ މަހުމޫދު އައްބާސް ސަރުކާރަށް 20 އަހަރުން ނުކުރެވުނު ކަންތައް ހަމާސްއަށް 2 އަހަރުން ވަނީ ކުރެވިފައިވެއެވެ. މީގެ ތެރޭގައި ދެ ދައުލަތުގެ ހައްލު އަލުން މީހުންގެ މަޝްވަރާއާއި ބަހުސަށ ްގެނައުމާއި  އެމެރިކާ އަދި ބައިނަލްއަޤްވާމީ އެޖެންޑާއަށް ފަލަސްޠީނު ގެ ދައުލަތް ވެއްދުން ހިމެނެއެވެ.

އިސްރާއީލްގެ ޗެނަލް 12 ގެ ސިޔާސީ ދިރާސާވެރިޔާ ޔާރޯން އަފްރަހާމްގެ ނަޒަރުގައި، މި އެއްބަސްވުމުގެ ސަބަބުން ހަމާސްއަށް ގިނަ ކާމިޔާބީތަކެއް ލިބިފައި ވެއެވެ އަދި، ފަލަސްތީނު ގެ ވަގަށް ނަގާފައިވާ މީހުން ދޫކޮށްލުމާއި، ޣައްޒާއަށް ގިނައިން އިންސާނީ އެހީ ލިބުމާއި، ހަނގުރާމަ ހުއްޓުމުގެ ބައިނަލްއަޤްވާމީ ޔަޤީންކަން ލިބިފައިވެއެވެ.

އެއްބަސްވުމުގައި ހަމާސްގެ ހަތިޔާރު ނައްތާލުމުގެ ވާހަކައެއް ނުހިމެނޭތީ، އެ ޖަމާޢަތުގެ ސިޔާސީ އަދި އަސްކަރީ ބާރު ދެމެހެއްޓިފައިވެއެވެ. ޔަހޫދީ މުހައްލިލުން ބުނަނީ އިސްރާއީލަށް ކުޑަވަރެއްގެ "އިންސާނީ ކާމިޔާބީއެއް" ލިބުނު ނަމަވެސް، ހަމާސްއަށް މުހިންމު ސިޔާސީ އަދި މަޢުނަވީ ކާމިޔާބީތަކެއް ވަނީ ލިބިގެން ގޮސްފައި ކަމަށެވެ. އަދި، ސްތަޤުބަލުގެ އެއްވެސް ހައްލެއްގައި ހަމާސް ޖަމާޢަތަކީ އިސްތިސްނާ ނުކުރެވޭނެ ފަރާތަކަށް މިހާރު ވެފައިވާ ކަމަށްވެސް އެ ބައިމީހުން ދެކެއެވެ.

ހިއްސާ ކުރައްވާ!