ކޮމަންވެލްތަކީ ޤައުމުތަކުގެ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އިއްތިޙާދެއް: ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

ބާބަޑޯސްގައި މިހާރު ކުރިއަށްދާ 68 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވާހަކަފުޅު ދައްކަވައިފިއެވެ. އޮނަރަބަލް އަޙުމަދު ނާޒިމް ވަނީ ޑިމޮކްރަސީއާއި ހެޔޮ ވެރިކަމާއި ދުނިޔޭގެ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމުގައި ކޮމަންވެލްތާއެކު ދިވެހިރާއްޖެއިން އޮތް ގުޅުން ފާހަގަކުރައްވައިފައެވެ.

"ދަ ކޮމަންވެލްތު: އަ ގްލޯބަލް ޕާޓްނަރ" މި ޝިއާރުގެ ދަށުން ވާހަކަފުޅު ދައްކަވަމުން އޮނަރަބަލް އަޙުމަދު ނާޒިމް ވިދާޅުވީ، "ކޮމަންވެލްތަކީ އަބަދުވެސް ޤައުމުތަކުގެ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އިއްތިޙާދެއް. އެގޮތުން ކޮންމެ ސައިޒެއްގެ ގައުމަކުންވެސް ޑިމޮކްރަސީއާއި އިންސާފާއި އެއްބާރުލުން ދިނުމުގައި އެއް މަގުސަދެއްގައި ތިބެގެން ގުޅުން ބަދަހި ކުރަމުންދޭ،" އޮނަރަބަލް އަޙުމަދު ނާޒިމް ވިދާޅުވި އެވެ. އަދި ކޮމަންވެލްތަކީ އެކި ގައުމުތައް އެއް މަޤްޞަދެއްގައި ގުޅުވައިދޭ "އަމަލީ، ބާރުގަދަ އަދި ދިރުންހުރި" އިއްތިހާދީ ބައިވެރިވުމެއް ކަމެއް ކަމުގައިވެސް ސިފަ ކުރެއްވިއެވެ.

ކޮމަންވެލްތުގެ ހުރިހައި ގައުމަކުންހެން ހިއްސާ ކުރާ އެންމެ ބޮޑު ގޮން ޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތައް ކަން ފާހަގަ ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު، ރާއްޖޭގެ ތަރައްޤީގެ އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާ ބެހޭ ސިޔާސަތުތައް ހިމަނާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

"ކޮމަންވެލްތަކީ އަޅުގަނޑުމެންނަށް ބަދަހިކަމެއް ގެނަސްދޭ އިއްތިޙާދެއް" ކަމަށް ވިދާޅުވަމުން، ކޮމަންވެލްތުގެ ސަބަބުން ކުދި ޤައުމުތަކަށް ބައިނަލްއަގްވާމީ މައިދާނުގައި އަޑު އިއްވާލުމަށް ފުރުޞަތު ލިބޭ ކަމުގައިވެސް އޮނަރަބަލް އަޙުމަދު ނާޒިމް ފާހަގަ ކުރެއްވިއެވެ.

ކޮމަންވެލްތާއި ރާއްޖެއާ ދެމެދުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޮނަރަބަލް އަޙުމަދު ނާޒިމް ވިދާޅުވީ، ކޮމަންވެލްތުން އިންތިޚާބުތައް އޮބްޒާވް ކުރުމާއި، ސިވިލް ސަރވިސް މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިންމު ހިއްޞާތަކެއް ވެދީފައިވާ ކަން ފާހަގަ ކުރެއްވިއެވެ.

1980 ގެ އަހަރުތަކުން ފެށިގެން ކޮމަންވެލްތާއެކު ދިވެހިރާއްޖެއިން އޮތް ގުޅުމަށް ބައްލަވާލައްވަމުން، ދިވެހިރާއްޖެއިން ހޯދާފައިޥާ ކުރިއެރުންތަކަށް ވެސް އިޝާރާތް ކުރެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި، 2026 ވަނަ އަހަރު ކުދި ޤައުމުތަކުގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ކޯ-ޗެއަރގެ ގޮތުގައި ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަން އިއުލާނު ކުރެއްވިއެވެ.

އޮނަރަބަލް އަޙުމަދު ނާޒިމްގެ ވާހަކަފުޅު ނިންމަވާލެއްވީ ކޮމަންވެލްތުގެ އިއްތިޙާދަށް އެއްބާރުލުން ދެއްވުމަށް ގޮވައިލައްވަމުންނެވެ.

"މި ޕާޓްނަޝިޕް އިތުރަށް ދިރުވައި، ހުރިހައި ޤައުމެއް ބައިވެރިވާ، ޝާމިލު އަދި ވަށައި ޖެހޭ، އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އީޖާބީގޮތަށް ކުރިމަތިލެވޭ ގޮތަށް މި ގުޅުން ދިރުވަމާ. އެހެން ވެއްޖެނަމަ، އޭގެ ފައިދާ އަޅުގަނޑުމެންގެ ކޮންމެ ޤައުމެއްގެ ކޮންމެ ފަރުދަކަށްވެސް އެތައް ގުނައަށް އިތުރު ވެގެންދާނެ" ކަމުގައި އޮނަރަބަލް އަޙުމަދު ނާޒިމް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!