ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) އޭޝިއާ ރީޖަންގެ ރިއާސަތު ބެލެހެއްޓުން ކުރިއަށް އޮތް ތިން އަހަރުގެ ދައުރަށް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި މަޤާމަށް ރާއްޖެ ހޮވާފައިވަނީ ބާބަޑޯސްގައި މިއަދު ބޭއްވުނު ސީޕީއޭ އޭޝިއާ ރީޖަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ.
މި މަޤާމު ރާއްޖެއަށް ލިބިފައިވަނީ ސްރީލަންކާގެ ދައުރު ނިމުމާ ގުޅިގެންނެވެ. ސީޕީއޭގެ ހިންގާ ގާވާއިދުގެ ދަށުން މި ދައުރަށް ހަމަޖެހިފައި އޮތީ ބަންގްލަދޭޝްއެވެ. ނަމަވެސް، މިވަގުތު އެ ޤައުމުގައި އިންތިޚާބުކޮށްފައިވާ ޕާލިމެންޓެއް ނެތުމާ ގުޅިގެން، އެ މަޤާމު އަދާކުރުމަށް ބަންގްލަދޭޝްއަށް ހުރަސްތައް ކުރިމަތިވުމާ ގުޅިގެން ދިވެހިރާއްޖެ، އެ ދައުރަށް އިންތިޚާބު ކުރީއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި މަޤާމު އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމެވެ. އެމަނިކުފާނުގެ ދައުރު ނިމޭނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް (ސީޕީސީ) ގައެވެ.
ދިވެހިރާއްޖެއަށް ލިބިގެން ދިޔަ ފަޚުރުވެރި ދައުރަކީ، ކޮމަންވެލްތުގެ ޕާލިމެންޓަރީ މުޖުތަމަޢުގައި ރާއްޖެ އަދާކުރަމުންދާ ހަރުދަނާ ދައުރާއި، އޭޝިއާ ސަރަޙައްދުގައި ސީޕީއޭގެ މަޤްޞަދުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.
ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ އެންމެ ހީވާގި، ހިންގުންތެރި އަދި ގިނަ ދުވަސްވީ ޖަމްޢިއްޔާތަކުގެ ތެރެއިން ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި 180 އަށްވުރެ ގިނަ ޕާލިމެންޓުތަކާއި ސަރަހައްދީ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނެއެވެ. ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަހައްދުގެ ދާއިމީ މަރުކަޒު ހުންނަނީ އިސްލާމާބާދުގައެވެ.