ޗައިނާގެ އެއާލައިންތަކަށް އެމެރިކާއިން ފިޔަވަޅު އަޅަނީ

ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ޗައިނާގެ އެއަރލައިންތަކަށް އެމެރިކާއަށް ދަތުރުކުރާއިރު ދިފގު މަގެއް ނެގުމަށް އަންގާފައެވެ. ޓްރަމްޕް ވަނީ ޗައިނާ އެއާލައިންތައް ރަޝިއާގެ މަތިން އުދުހުން މަނާ ކޮށްފައެވެ. މިއީ އެމެރިކާއަށް ބޭނުންވާ މުހިންމު ނާދިރު މައުދަން ދިނުމަށް ޗައިނާއިން ހުރަސް އެޅުމާ ގުޅިގެން ޗައިނާއަށް ދަތި ކުރުމަށް ޓްރަމްޕް އަޅާ ފިޔަވަޅެކެވެ.

ޔޫކްރެއިންއަށް ރަޝިއާއިން ދިން ހަމަލައާ ގުޅިގެން 2022 ވަނަ އަހަރުގެ މާރިޗް މަހު އެމެރިކާއިން ރަޝިއާގެ ފްލައިޓްތައް ވަނުން މަނާކުރިއެވެ. އަދި ރަޝިއާއިން ވެސް އެމެރިކާގެ އެއަރލައިންތަކަށް އެގައުމުގެ މަތިން ދަތުރުކުރުން މަނާކުރިއެވެ. ނަމަވެސް ޗައިނާގެ އެއަރލައިންތަކަށް މި މަގުން ދަތުރުކުރުމުގެ ހުއްދަ އޮތުމުން، އެމެރިކާގެ އެއަރލައިންތަކަށް ވާދަވެރި ގޮތުން ގެއްލުންވާކަމަށް އެމެރިކާގެ ޓްރާންސްޕޯޓޭޝަން ޑިޕާޓްމަންޓުން ބުނެއެވެ.

ޗައިނާ އެއާލައިންތަކަށް ރަޝިއާގެ މަތިން ދަތުރުކުރެވޭތީ، ޗައިނާގެ އެއަރލައިންތަކަށް ދަތުރުގެ ވަގުތު ކުރުކޮށް، ތެލުގެ ޚަރަދު ކުޑަކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުތަކުގައި އެހެން އެއަރލައިންތަކާ އަޅާބަލާއިރު ޗައިނާގެ އެއަރލައިންތަކުގެ ފައިދާ އިތުރުވަމުންދެއެވެ.

ހިއްސާ ކުރައްވާ!