ވޮޝިންގްޓަން ޕޯސްޓުން ހާމަކުރި ލީކްވެފައިވާ އެމެރިކާގެ ލިޔެކިޔުންތަކުން ދައްކާގޮތުގައި، ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައިގައި އަރަބި ޤައުމުތަކުން، އިސްރާއީލު ކުށްވެރިކުރަމުން ދިޔަ ނަމަވެސް، ސިއްރުން އިސްރާއީލާއެކު ހަމާސްއާ ދެކޮޅަށް ގާތް ސަލާމަތީ އަދި ޖާސޫސީ މައުލޫމާތު ބަދަލު ކުރުމަށް ގުޅުން ބާއްވަމުން ގޮސްފައިވެއެވެ.
ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ އެފަރާތަށް މި ކަމާ ގުޅޭ ސިއްރު ޑޮކިއުމެންޓްތައް ލިބިފައިވާ ކަމަށާއި އަދި މި މައުލޫމާތު ހޯދުމުގައި ބައިނަލްއަގްވާމީ ތަހުގީގީ ނޫސްވެރިންގެ ޖަމާއަތް، އިންޓަރނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) ވެސް ބައިވެރި ވެފައިވާ ކަމަށެވެ.
ޕޯސްޓުން ލިސްޓުކޮށްފައިވާ އަރަބި 6 ގައުމަކީ ސަޢޫދީ އަރަބިއްޔާ، މިސުރު، ޖޯޑަން، ޔޫއޭއީ، ބަހްރެއިން އަދި ޤަތަރު އެވެ. ކުވެއިތާއި ޢޮމާނެއް ބައިވެރިއެއް ނުވެއެވެ. އެ ދެ ގައުމު ލިސްޓު ކޮށްފައިވަނީ މުސްތަގްބަލުގެ ބައިވެރިންގެ ގޮތުގައެވެ.
މި 6 ގައުމުން "ރީޖަނަލް ސެކިއުރިޓީ ކޮންސްޓްރަކްޓް" ގެ ނަމުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ބެލުމުގެ ދަށުން ހިންގާ ސިއްރު ސަލާމަތީ އޮނިގަނޑެއްގައި ބައިވެރިވެފައިވާ ކަމަށް ބުނެފައި ވެއެވެ. މި އޮނިގަނޑުގެ މައިގަނޑު މަޤްޞަދަކީ އީރާނުގެ ނުފޫޒު ސަރަހައްދުގައި ކުޑަކުރުމާއި އިސްރާއީލާއެކު ސަލާމަތީ ގުޅުން ވަރުގަދަކުރުމެވެ.
ޖެނޮސައިޑް ހިންގަމުން ގެންދިޔަ މުއްދަތުގައި މި ނެޓްވޯކުން ބަހްރެއިން، ޖޯޑަން، ޤަތަރުގެ އަލް-އުދައިދް އެއަރ ބޭސް އަދި އެމެރިކާގެ ކެންޓަކީގެ ފޯޓް ކެމްބެލްގައި ސަރަޙައްދީ ސަލާމަތީ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް ބާއްވާފައިވާ ކަމަށް ބުނެއެވެ. މީގެ ތެރޭގައި ހަމާސްއިން ބިމުގެ އަޑީގައި ހަދާފައިވާ ޓަނަލްތައް ދެނެގަތުމާއި އެތަންތަން ނައްތާލުމުގެ ތަމްރީނުތައް ހިމެނެއެވެ. އަދި، މިސުރުގައި ބޭއްވުނު ތަމްރީންގައި އެމެރިކާ، އިސްރާއީލް، ސައޫދީ އަރަބިއްޔާ، ޖޯޑަން، މިސްރު، ގްރީސް، އިންޑިއާ އަދި އިނގިރޭސިވިލާތާއި ޤަތަރު ސިފައިން ބައިވެރިވި ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.
"ރީޖަނަލް ސެކިއުރިޓީ ކޮންސްޓްރަކްޓް" ގެ އޮނިގަނޑުގެ ދަށުން ބައިވެރިވާ ޤައުމުތަކުން ޖާސުސީ މައުލޫމާތާއި، ރާޑާއާއި، ސައިބަރ މުއާސަލާތާއި މިސައިލްގެ ދިފާއީ ނިޒާމުތަކުގެ ރޮނގުން ވަގުތުން ވަގުތަށް މަޢުލޫމާތު ޙިއްސާ ކުރަމުން ދިޔަކަމަށްވެސް ބުނެފައި ވެއެވެ.
މި ގައުމުތަކުން ބައިވެރިވި ހުރިހައި ބައްދަލު ވުމެއްވެސް ސިއްރު ބައްދަލުވުންތަކެއް ކަމަށް ގިންތިކޮށްފައިވާ ކަމަށާއި ބައްދަލުވުންތަކުގައި ފޮޓޯ ނެގުން މަނާކޮށް މީޑިއާއާ ވާހަކަ ހިއްސާކުރުން މަނާކޮށްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ. އަދި އެތެރޭގެ މެމޯތަކުން އެނގޭ ގޮތުގައި ބައްދަލުވުމަށް ގެންނަ ކާނާގައި އޫރު މަސް ނުހިމެނުމަށާއި ޑިނގާ ނުހިމެނުމަށްވެސް އަންގާފައި ވެއެވެ. މުސްލިމުންނާއި ޔަހޫދީން އޫރުމަސް ނުކާއިރު ޑިނގާ ކެއުން ޔަހޫދީންނަށް ހަރާމްވެގެން ވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ނަން ހާމަނުކުރާ އަރަބި ދެ ގައުމަކުންވެސް ޖާސޫސީ މައުލޫމާތު ހިއްސާ ކުރި ކަމަށެވެ. (ވޮޝިންޓަން ޕޯސްޓް)







