އީރާނަށް އިސްރާއީލުން އިތުރު ހަމަލާތަކެއް ނުދޭނެކަމުގެ ޔަގީންކަން ރަޝިޔާ މެދުވެރިކޮށް އީރާނަށް ދީފައިވާކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކުރެއްވީ ރަޝިޔާގެ ރައީސް ޕުޓިންއާއި ނަތަންޔާހޫއާ ދެމެދު ކުރެވުނު ފޯނު މަޝްވަރާއަކަށް ފަހު، މޮސްކޯގައި ހުންނަ އީރާނުގެ ސަފީރަށް ރަޝިޔާ ފޮރިން މިނިސްޓްރީން މި މެސެޖް ރައްދުކޮށް ދިނުމުންނެވެ.
ޖޫން މަހު އިސްރާއީލުން ފެށި 12 ދުވަހުގެ އުދުވާނީ ހަނގުރާމައިގައި، އީރާނުގެ އިސް އަސްކަރީ ލީޑަރުންނާއި ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި ސައިންޓިސްޓުންނާއި އަދި ސަތޭކަ އެތައް އާންމު ރައްޔިތުން ޝަހީދުކޮށްލުމާ ގުޅިގެން އީރާނުން ވަނީ އިޒްރޭލު ތިރިކޮށްލައިފައެވެ.
އަރާގްޗީ ވިދާޅުވީ ޔަހޫދީންނަކީ ޣަދަރުވެރި ބައެއް ކަމަށާއި އޮޅުވާލުމަށް މެސެޖުތައް ދޭނެ ކަމަށެވެ. އަދި އީރާނުގެ ސިފައިން ގައުމުގެ ދިފާއުގައި ތައްޔާރަށް ތިބޭނެ ކަމަށާއި އިސްރާއީލުގެ ކެހިވެރި މަކަރުވެރި ރޭވުމެއްގައި ނުޖެހޭނެ ކަމަށެވެ.
މީގެއިތުރުން، އެމެރިކާއިން "އިންސާފުވެރި އަދި ހަމަހަމަ" ނިއުކްލިއަރ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަމަށް އީރާނުން މަރުހަބާ ކިޔާނެކަމަށް ވިދާޅުވިއެވެ. ނަމަވެސް ޔޫރަޕުގެ ގައުމުތަކާއެކު މަޝްވަރާކުރުމަކީ ބޭކާރު ކަމެއް ކަމަށާއި އެމެރިކާއާއެކު މެސެޖް ބަދަލުކުރެވެމުންދަނީ މެދުވެރިންތަކެއް މެދުވެރިކޮށްކަން އަރަގްޗީ ފާހަގަކުރެއްވިއެވެ.