ބަނގްލަދޭޝްގައި އިންތިޚާބުކޮށްފައިވާ ސަރުކާރަކަށް ގޮވާލައިފި

ބަންގްލަދޭޝްގެ ވަގުތީ ރައީސް މުޙައްމަދު ޔޫނުސްގެ ސަރުކާރާ މެދު ބައިނަލްއަޤްވާމީ ކަންބޮޑުވުންތައް އިތުރުވަމުންދާއިރު ނޯވޭ، ޑެންމާކް އަދި ނެދަލޭންޑްސްގެ ސަފީރުން ވަނީ އަވާމީ ލީގުގެ ލީޑަރު ސާބިރު ހުސައިން ޗައުދުރީއާ ބައްދަލުކޮށް، ބަނގްލަދޭޝްގައި އަލުން ޤާނޫނީ ވެރިކަމެއް ޤާއިމްކުރުމަށް ގޮވާލާފައެވެ.

ޔޫކޭ ޕާލިމެންޓް މެންބަރުންނާއި ޔޫރަޕިއަން ޔޫނިއަންގެ ވަފުދުން ވެސް ވަނީ ބަނގްލަދޭޝްގައި މިނިވަން، އިންސާފުވެރި އަދި އެންމެންގެ ބައިވެރިވުން އޮންނަ އިންތިޚާބެއް އަވަހަށް ބޭއްވުމަށް ގޮވާލާފައެވެ.

ޝެއިޚު ހަސީނާގެ ޚުރު މުޚުތާރު ސަރުކާރު ވައްޓާލި ފަހުން ޔޫނުސް ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ މިހާރު 14 މަސް ވީއެވެ. ނަމަވެސް ބަނގްލަދޭޝްގައި އަދިވެސް ހަމަޖެހުން ގާއިމު ކުރެވިފައެއް ނުވެއެވެ. އަދި ޔޫނުސްގެ ސަރުކާރުން ވަޢުދުވެފައިވާ އިސްލާހުތައް ގެނައުމަށް ނުކުޅެދިފައިވާކަމަށް ވެސް ބަނގްލަދޭޝް މީޑިއާއާއި ސިޔާސީ ދިރާސާވެރިން ފާހަގަކުރެއެވެ.

ވެރިކަންކުރާ ނެޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) އާ މެދު ހިތްހަމަނުޖެހުން އިތުރުވަމުންދާ ކަމަށްވެސް މީޑިއާގައި ބުނެފައި ވެއެވެ. އަދި ބައެއް އިސްވެރިން ޕާޓީން ވަކިވުމަށް މަސައްކަތްކުރަމުންދާ ކަމަށް ބަނގްލަދޭޝްގެ ސިޔާސީ ކޮމެންޓޭޓަރު ސައްޔިދު ބަދުރުލްއަހްސަން ފާހަގަކުރެއެވެ. އަދި އަވާމީ ލީގުގެ ޒުވާން ހަރަކާތްތެރިން މަގުމައްޗަށް ނުކުމެ "ޖޮއި ބަންގްލާ" ގޮވައި އިހުތިޖާޖުކުރަމުންވެސް ދެއެވެ.

ކުރިއަށް އޮތް އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު އައު އިންތިޒާމުތަކެއްގެ ދަށުން ކުރިއަށްދާނެތޯ އާއި އަވާމީ ލީގަށް ފުރިހަމަ ބައިވެރިވުން ލިބިދޭނެތޯ މީޑިއާއިން ސުއާލު ކުރެއެވެ. ޑަކާގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީން ދަނީ މި ހާލަތު ގާތުން ބަލަމުންނެވެ.

ހިއްސާ ކުރައްވާ!