މަހާސާދާގަރު އީލޯން މަސްކު ހަނދަށާއި މާސްއަށް މީހުން ފޮނުވުމަށް ތައްއޔާރު ކުރާ ސްޓާޝިޕްގެ ރޮކެޓް ޓެސްޓު ކުރުމަށް ބޭނުން ކުރި ތަޖުރިބާ ދަތުރުގައި ރޮކެޓް ޓެކްސަސްއިން ފުރައިގެން އައިސް އިންޑިއާ ކަނޑުގައި ކަނޑައަޅާފައިވާ ސަރަހައްދަށް އެ ރޮކެޓް ވައްޓާލައިފިއެވެ. މި ރޮކެޓް ވައްޓާލާފައި ވަނީ އަމާޒު ކުރި ތަނަށް އިންޑިއާ ކަނޑުގައި އޮސްޓްރޭލިއާ ސަރަހައްދަށެވެ.
މިއީ ސްޓާޝިޕްގެ 11 ވަނަ ތަޖުރިބާ ދަތުރެވެ. ޓެކްސަސްއިން ފެށި މި ދަތުރު 66 މިނިޓަށް ދިގުދެމިގެން ދިޔައެވެ. އަދި ކޮންޓްރޯލް ކުރެވިފައިވާ ތަނަށް ބޭލުމާއެކު މި ދަތުރު ނިމުނެވެ. މި ކާމިޔާބީއާއެކު، ދުރު ރާސްތާއަށް ކުރާ ދަތުރުތަކާއި އެ ރޮކެޓު ބޭނުންކޮށްގެން ޖައްވީ ދަތުރަށް ފަހު އަލުން ބިންމައްޗަށް އައުމުގެ ނިޒާމުތައް ބޭނުންކުރުމުގައި ސްޕޭސްއެކްސްގެ ހުނަރު އިތުރުވެފައިވާކަން ވަނީ ހާމަވެފައެވެ.
މި ދަތުރުގައި، އިންޖިނިއަރުން ވަނީ ގަސްތުގައި ރޮކެޓްގެ ބޭރުގައި ހިމެނޭ ހޫނުން ސަލާމަތް ކޮށްދޭ ހީޓް ޝީލްޑްގެ ތޮށިގަނޑުން ބައެއް ބައިތައް ނައްޓާލައި، ގަދަ ހޫނުގެ ހާލަތްތަކުގައި ރޮކެޓުގެ ދެމިހުރުމުގެ ގާބިލުކަންވެސް ތަޖުރިބާ ކޮށްފައެވެ. މިކަމާ އެކުވެސް، ރޮކެޓުގެ އޮނިގަނޑު އޭގެ ގޮތުގައި ދެމިހުރެ، އަލުން ބޭނުންކުރެވޭ އުޅަނދުތައް ހެދުމަށް ސްޕޭސްއެކްސްގެ އަމާޒަށް ބޮޑު ކުރިއެރުމެއް ލިބުނުކަން ވަނީ ދައްކުވައިދީފައެވެ.
ސްޕޭސްއެކްސްގެ ވެރިޔާ މަސްކްވަނީ ރޮކެޓުގެ މި ދަތުރަކީ "ބޮޑު ކާމިޔާބީއެއް" ކަމަށް ސިފަކޮށްފައެވެ. އަދި ކުރިއަށް އޮތް ތާނގައި ހަނދާއި މާސްއަށް ކުރާ ދަތުރުތަކަށް ތައްޔާރުވުމުގެ ގޮތުން އައު ޖީލުގެ ސްޓާޝިޕް އިތުރަށް ތަރައްގީކުރުމަށް މިހާރު މަގުފަހިވާ ކަމަށް ވަނީ ބުނެފައެވެ.