ޖެނޮސައިޑް ނިންމާ ސަމިޓަށް އިންޑިއާއިން ފޮނުވީ ސްޓޭޓް މިނިސްޓަރެއް

މިސްރުގައި ބޭއްވި ޖެނޮސައިޑް ނިންމާ މަތީ ފެންވަރުގެ މަހާސިންތާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައި ނުގަތުމުން ކޮންގްރެސްގެ އިސް ލީޑަރު އަދި ކުރީގެ ޑިޕްލޮމެޓް ޝަޝީ ތަރޫރު ސުވާލު އުފައްދަވައިފިއެވެ. އޭނާ ވިދާޅުވަނީ އެސަމިޓްގައި ބައިވެރި ނުވާން ނިންމުމަކީ ދުނިޔޭގެ މައިދާނުގައި އިންޑިއާއަށް "ސްޓްރެޓެޖިކް ފުރުސަތެއް ގެއްލިގެން ދިއުމުގެ" އިޝާރާތެއް ކަމަށެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީއާއި ޓްރަމްޕް ރިއާސަތު ބެލެހެއްޓި މަހާސިންތާގައި މޯދީގެ ބަދަލުގައި އިންޑިއާއިން ފޮނުވީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަސްއޫލުވެރިއެކެވެ.

ތަރޫރު ވިދާޅުވީ މިނިންމެވުމުން ސަރަހައްދީ ހަމަޖެހުމާއި އިންސާނީ އެހީއާ ގުޅޭ މުހިންމު މަޝްވަރާތަކަށް އިންޑިއާގެ ނުފޫޒު ކުޑަވެގެންދާނެ ކަމަށެވެ. އެސަމިޓްގައި ބައިވެރިވެވަޑައިގަތް އެހެން ލީޑަރުންނާ އަޅާބަލާއިރު އިންޑިއާގެ ހާޒިރީ ދަށްވުމުން އިންޑިއާއިން ދޭން ބޭނުންވާ މެސެޖު ފުރިހަމަ ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަމިޓްގެ މުހިންމުކަމަށް ބަލާއިރު އިންޑިއާއިން މަތީ ފެންވަރުގައި ބައިވެރި ނުވުމަކީ "ހައިރާން ކުރުވަނިވި" ކަމެއް ކަމަށް ވެސް ތަރޫރު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން މިކަމާ ބެހޭ ގޮތުން އަދި ރަސްމީކޮށް ބަޔާނެއް ދީފައެއް ނުވެއެވެ.  ނަމަވެސް މުހައްލިލުން ފާހަގަ ކުރަނީ މިއީ ޕަހަލްގަމްގެ ހަމަލައަށްފަހު އިންޑިއާއިން ޕާކިސްތާނާއެކު އެއް ސްޓޭޖެއް ހިއްސާކުރަން ބޭނުން ނުވުމާއި އަދި ޓްރަމްޕް ތަކުރާރު ކުރައްވާ ދެގައުމުގެ ދެމެދު ހަނގުރާމަ ހުއްޓުވުމުގެ ވާހަކައަށް އިތުރު ބުރަދެއް ނުދިނުމަށް އިންޑިއާއިން ބޭނުންވާތީ އެޅި ފިޔަވަޅެއް ކަމަށެވެ.

ޝަރަމުއްޝައިޚުގައި ބާއްވާފައިވާ މަހާސިންތާއަކީ، އަޤްޞާ ޠޫފާންގައި ފަލަސްޠިނު މިނިވަން ކުރުމަށް ފެށި ހަނގުރާމައަށްފަހު ޔަހޫދީ ޒަޔަނިސްޓުން ފެށި ޖެނޮސައިޑް ނިންމަން ބެއްވި މަހާސިންތާއެކެވެ. މި މަހާސިންތާގެ ތައްޔާރީއަށްޓަކައި ހާމާސްއާއި ޔަހުދީންނާ ދެމެދު އަސީރުން ބަދަލުކޮށްފައި ވެއެވެ. ޔަހޫދީން ވަގަށް ނަގައިގެން ރަހީނު ކުރި ފަލަސްޠީނުގެ 1900އަށް ވުރެން ގިނަ މީހުން ސަލާމަތް ކުރުމުގައި ހަމާސްއިން ވަނީ ކާމިޔާބު ވެފައެވެ. ފަލަސްޠީނުގެ އާއިލާތަކުން ދަނީ އެމީހުންގެ ދަރިންނާއި ފިރިންނާއި އަނބިން ޔަހޫދީންގެ އަނިޔާތަކުން ސަލާމަތް ކުރެވުނުކަމަށްތަކައި އުފާފާޅުކޮށްފައެވެ.

ހިއްސާ ކުރައްވާ!