އިންޑިއާގައި އުފައްދާފައިވާ ތަޣައްޔަރުވެފައިވާ ކަމަށް ފާހަގަ ކުރެވޭ ބޯން ބޭނުންކުރާ ޒާތުގެ 3 ބޭހަކާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މެޑިކަލް ޕްރޮޑަކްޓް އެލާޓެއް ނެރެފިއެވެ.
ޑަބްލިޔުއެޗްއޯގެ ރަސްމީ ޕްލެޓްފޯމްގައި ޝާއިއުކޮށްފައިވާ މި އެލާޓުގައި ބުނެފައި ވަނީ މި ތިން ބޭހަކީ، ޑައިތިލިން ގްލައިކޮލް އާއި އެތިލިން ގްލައިކޮލް ގެ ތަޣައްޔަރުވުމުން ތަޣައްޔަރު ވެފައިވާ ނުރައްކާތެރި އުފެއްދުންތަކެއް ކަމަށެވެ.
ދަވާދުފަދަ ތަކެތި އުފެއްދުމަށް ބޭނުން ކުރާ ކެމިކަލްގެ މި މާއްދާތަކަކީ އިންސާނުން ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ މާއްދާތަކެއް ނޫން ކަމަށާއި، އަދި މީގެ ކުރިންވެސް ދުނިޔޭގެ ފެންވަރުގައި ހިނގި ގިނަ އަދަދަކަށް ވިހަވި، ބޭހުގެ ހާދިސާތަކާ މި މާއްދާތަކާ ގުޅިފައިވާ ކަމަށެވެ.
މި ބެސްތަކަކީ، ސްރެސަން ފާމަސިއުޓިކަލް، ރެޑްނެކްސް ފާމަސިއުޓިކަލްސް، އަދި ޝޭޕް ފާމާ އިން އުފައްދާފައިވާ ކޮލްޑްރިފްއާއި ރެސްޕިފްރެޝް ޓީއާރު އަދި ރީލައިފް ގެ 3 ބޭހެވެ.
އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކުން އުފައްދާފައިވާ ކަމަށް ރިޕޯޓްތައް ބުނާ މި ތަޣައްޔަރުވެފައިވާ ބޭސްތައް ފާހަގަ ކޮށްފައި ވަނީ އާދައިގެ މަތިން ފެންވަރު ބެލުމަށް ކުރިއަށް ގެންދިޔަ ކޮލިޓީ ޗެކް ކުރުންތަކުގެ ތެރެއިންނެވެ. ޑަބްލިޔުއެޗްއޯ އިން ވަނީ ގަވާއިދު އެކުލަވާލާ އިދާރާތަކާއި ސިއްހީ ދާއިރާގެ ޕްރޮފެޝަނަލުންނާއި އާންމުންނަށް ސަމާލު ވުމަށް އިންޒާރު ދީ ވަގުތުން މިއުފެއްދުންތައް ބޭނުންކުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފަ އެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ މިކަމުގައި ހިމެނޭ އުފެއްދުންތައް އުފެއްދުމާއި ވިއްކުމުގައި އުޅޭ ފަރާތްތަކުގެ ފުރިހަމަ ތަހުގީގެއް ފަށާނެ ކަމަށް ބުނެފައެވެ.
ޑަބްލިޔުއެޗްއޯ އިން ވަނީ ހަރުދަނާ ކަމާއެކު ބެސް އުފެއްދުމަށް ފާރަވެރިވާ ފާމަކޯވިޖިލަންސް ސިސްޓަމްތަކުގެ މުހިންމުކަމަށް އަލިއަޅުވާލާ، މިފަދަ ހާދިސާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. މި އެލާޓަކީ ބޭސް އުފައްދާ ހައި ވޮލިއުމް މާކެޓްތަކުގައި ކޮލިޓީ ކޮންޓްރޯލް ގެ ނިޒާމު ހަރުކަށި ކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ އެލާޓެކެވެ.