އިންޑިއާއިން 6.4 ޓްރިލިއަން ރުޕީސް (77 ބިލިއަން ޑޮލަރު) ގެ ފެނުން ކަރަންޓު އުފައްދާ ހައިޑްރޯޕަވަރ މަޝްރޫޢެއް އިޢުލާނުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން 2047 ވަނަ އަހަރާ ހަމައަށް ބްރަހްމަޕުތްރާ ބޭސިން އިން 76 ގިގަވޮޓަށްވުރެ ގިނަ ކަރަންޓު އުފައްދަން ވަނީ ރޭވިފައެވެ. މި މަޝްރޫޢު އިޢުލާނުކޮށްފައިވަނީ ޗައިނާއިން އެ ސަރަހައްދުގައި ޑެމްތައް އަޅަމުންދާތީ އެކަމާމެދު ކަންބޮޑުވުން އުފެދިފައިވަނިކޮށެވެ.
ބްރަހްމަޕުތްރާ ބޭސިންގައި ހިމެނޭ އަރުނާޗަލް ޕްރަދޭޝް، އާސާމް، ސިއްކިމް، މިޒޯރާމް، މެގަލާޔާ، މަނިޕޫރު، ނާގަލޭންޑް އަދި ވެސްޓް ބެންގާލްގައި އިންޑިއާ އިން މިހާތަނަށް ތަރައްޤީ ކޮށްފައި ނުވާ ފެނުން ކަރަންޓު އުފެއްދުމުގެ ހައިޑްރޯ ކެޕޭސިޓީގެ 80 އިންސައްތަ ހިމެނެއެވެ. މީގެ ތެރެއިން އަރުނާޗަލް ޕްރަދޭޝްގައި އެކަނި ވެސް 52.2 ގިގަވޮޓް ގެ ކަރަންޓު އުފެއްދޭނެއެވެ.
ސެންޓްރަލް އިލެކްޓްރިސިޓީ އޮތޯރިޓީގެ ރޭވުމުގައި 12 ތަނެއްގައި ބޮޑެތި ހައިޑްރޯ މަޝްރޫޢުގެ 208 މަޝްރޫއު ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި 64.9 ގިގަވޮޓް ގެ އާންމު ކެޕޭސިޓީގެ ކަރަންޓުއުފެއްދުމާއި 11.1 ގިގަވޮޓް ކަރަންޓު އުފެއްދުން ހިމެނެއެވެ.
މި މަޝްރޫޢު އަވަސްކުރަން ޖެހުނު އެއް ސަބަބަކީ ޗައިނާއިން ޓިބެޓްގެ ޔާރުލަންގް ޒަންގްބޯގައި ބިނާ ކުރާ ޑެމްގެ ސަބަބުން ހަނަފަސް މޫސުމުގައި އިންޑިއާއަށް ލިބޭ ފެން 85 އިންސައްތައަށް މަދުވެދާނެކަމުގެ ބިރު ހީވުމުންނެވެ. އަދި މި މަޝްރޫޢަކީ 2030 ވަނަ އަހަރާ ހަމައަށް 500 ގިގަވޮޓްގެ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފައްދައި، 2070 އާ ހަމައަށް އިންޑިއާގެ ތިމާވެށި ތަޣައްޔަރު ކުރާ މާއްދާތާއް ސުމަކަށް ތިރިކޮށްލުމުގެ އަމާޒަށް ވާސިލުވުމުގެ އިންޑިއާގެ ލަނޑުދަނޑިތަކާވެސް ގުޅިފައިވާ މަޝްރޫޢެކެވެ.