ޗައިނާގެ ސަރުކާރުގެ ސީސީޓީވީން ބުނެފައިވާ ގޮތުގައި، އެމެރިކާގެ އުޅަނދުތަކުންނާއި، އެމެރިކާގައި އުފައްދާފައިވާ އުޅަނދުތަކުން އަދި އެމެރިކާގެ ދިދަ ޖަހާފައިވާ އުޅަނދުތަކުން މިއަދުން ފެށިގެން ބޮޑުކޮށް ޕޯޓް ފީ ނެގުމަށް ނިންމައި ފިއެވެ. ނަމަވެސް ޗައިނާގައި އުފައްދާފައިވާ އުޅަނދުތައް މި ފީއިން އިސްތިސްނާ ލިބޭނެއެވެ. އަދި މަރާމާތަށް ޗައިނާގެ ޝިޕްޔާޑްތަކަށް ވަންނަ ހުސް އުޅަނދުތަކަށްވެސް އިސްތިސްނާ ލިބޭނެއެވެ.
މި ފިޔަވަޅަކީ އެމެރިކާއިން ޗައިނާގެ އުޅަނދުތަކަށް ޕޯޓް ފީ ބޮޑުކޮށް ނެގުމަށް ނިންމުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޮވެމްބަރ 1 އިން ފެށިގެން ޗައިނާގެ އިމްޕޯޓްތަކުގެ ޓެރިފް 100 އިންސައްތައަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕޯޓް ފީ ނެގުމަށް ހަމަޖެހިފައިވަނީ އެއް ދަތުރަކަށް ނުވަތަ އަހަރެއްގެ ތެރޭގައި ފުރަތަމަ 5 ދަތުރަށް، އުޅަނދު ފުރަތަމަ ވަންނަ ބަނދަރުންނެވެ. އަދި އަހަރީ ބިލިންގ ސައިކަލް ފެށޭނީ އޭޕްރިލް 17 ވަނަ ދުވަހުންނެވެ. މި ފީ ނުދައްކާ އުޅަނދުތަކުގެ އިމްޕޯޓް އަދި އެކްސްޕޯޓް މުޢާމަލާތްތައް ހުއްޓުވާލެވޭނެއެވެ.