ފަލަސްޠީނުގެ މަރުޙޫމް ލީޑަރު ޔާސިރު ޢަރަފާތުގެ ކޮއްކޮގެ ދަރިފުޅު ނާސިރު އަލްޤުދްވާ، 4 އަހަރު ވަންދެން އަމިއްލައަށް ފަލަސްޠީނުން ބޭރަށް އަރުވާލެވިގެން ހުންނެވުމަށްފަހު ހުޅަނގު އައްސޭރިއަށް އެނބުރި ވާޑައިގެންފިއެވެ. އޭނާ ވަނީ ޣައްޒާގައި ސުލްހަ ދެމެހެއްޓުމަށްޓަކައި ހަމާސް ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް ފަލަސްޠީނު އާރާސްތުކޮށް ކުރިއަށްދާނެ ގޮތުގެ މަގުޗާޓެއް ހުށަހަޅުއްވާފައެވެ.
އަލްޤުދުވާއަކީ މިހާރުގެ ފަލަސްޠީނު ވެރިކަމަށް ފާޑު ވިދާޅުިވާ ބޭފުޅެކެވެ. އޭނާ ވިދާޅު ވަނީ ޤައުމުގައި ކޮރަޕްޝަނާ ދެކޮޅަށް ސީރިއަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ. އަދި ރައީސް މަހުމޫދު އައްބާސްގެ ފަތަހު ހަރަކާތަށް ފުޅާ ދާއިރާއެއްގެ އިސްލާހުތަކެއް ގެންނަން ޖެހޭކަމަށާއި، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޔަހުދީ ސެޓްލަރުންގެ އަނިޔާވެރިކަމާ ދެކޮޅަށް އިތުރަށް މަސައްކަތްކުރަން ޖެހޭކަމަށެވެ.
އަލްޤުދްވާ ހުޅަނގު އައްސޭރި ދޫކުރައްވައި ވަޑައިގަތީ 2021 ގެ އިންތިޚާބުގައި އަމިއްލަ ލިސްޓެއް ހުށަހެއްޅުމާ ގުޅިގެން، އޭނާގެ ބޮޑުބޭބެ އުފެއްދެވި ފަތަހު ޖަމާއަތުން އޭނާ ވަކިކުރުމާ ގުޅިގެންނެވެ. 89 އަހަރުގެ ރައީސް އައްބާސް ވަނީ އޭރު ވަކި ކުރި މެންބަރުންނަށް ފަހުން މަޢާފު ދެއްވާފައެވެ. އަދި ފާއިތުވި ހަފްތާގައި އަލްޤުދްވާ އަލުން ފަތަހު ޖަމާއަތަށް ވައްދާފައި ވެއެވެ.