އިސްލާމްއާބާދުން އަފްޣާން ހަނގުރާމައާ ގުޅިގެން ކުރާ ތުހުމަތުތައް ނިއުދިއްލީން ދޮގުކޮށްފި

އަފްޣާން ތާލިބާނުން ކުރަމުން ގެންދަނީ އިންޑިއާގެ ޕްރޮކްސީ ހަނގުރާމައެއް ކަމަށް އިސްލާމްއާބާދުން ބުނުމުން އެކަމަށް ނިއުދިއްލީން ރައްދު ދީފިއެވެ. ނިއުދިއްލީން ބުނެފައި ވަނީ މިއީ ޕާކިސްތާނުގެ އަމިއްލަ ހަނގުރާމައެއް ކަމަށާއި މި ހަނގުރާމައަކީ އެތެރޭގެ މައްސަލަތަކުން ސަމާލުކަން އެހެން ދިމާލަކަށް ކަސިޔާރު ކޮށްލުމަށް އިސްލާމްއާބާދުން ކުރާ މަސައްކަތެއް ކަމަށެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ހިނގަމުންދާ ބޯޑަރު ހަނގުރާމައިގައި، ޕާކިސްތާނުން ކާބުލްއަށް ދިން ވައިގެ ހަމަލާގެ ސަބަބުން ކާބުލް އަދި ކަންދަހާރުގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. މި ހާދިސާއާ ގުޅިގެން 48 ގަޑިއިރުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ދެ ފަރާތުން ވަނީ ވެފައެވެ. މީޑިއާގެ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އިސްވެ ހަމަލަ ދިނީވެސް ޕާކިސްތާނުންނެވެ. އަދި އިސްވެ، ހަމަލަތައް ހުއްޓާލުމަށް އެދުނީވެސް ޕާކިސްތާނުންނެވެ. ޕާކިސްތާންގެ ބޮޑު ވަޒީރު ވިދާޅުވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށްދާނެ ގޮތް ކަނޑައަޅާނީ ކާބުލްއިން ކަމަށެވެ.

ކާބުލްއިން ތުހުމަތު ކުރަނީ،. ޕާކިސްތާނުން ޓެރަރިސްޓް ޖަމާޢަތްތަކަށް ހިޔާވަހިކަން ދީ ހަދާ ކަމަށެވެ. އަދި އިސްލާމްއާބާދުން ކާބުލްއަށް ތުހުމަތު ކުރަނީ ތަހުރީކޭ ތާލިބާންގެ މީހުންނަށް ހިޔާވަހިކަން ދޭ ކަމަށެވެ.

މި ހާދިސާ ދިމާވެފައި ވަނީ ތާލިބާންގެ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަޤީ އިސްލާމް އާބާދަށް ވަޑައިގަތް ތަނާއެވެ. ނިއުދިއްލީން ވަނީ ކާބުލްގައި އަލުން އެމްބަސީ ހުޅުވުމަށް ނިންމާފައެވެ.

ހިއްސާ ކުރައްވާ!