ޕާކިސްތާނުގައި ނޫސްވެރިންނަށް ފިއްތުންތައް ކުރިމަތިވެ، ސެންސަރޝިޕް ގެ ގޮތުންނާއި މާލީ ގޮތުން އަމާޒުކުރެވޭ ފިޔަވަޅުތައް އިންތިހާއަށް އިތުރުވެރއްޖެއެވެ. މިކަން ސާބިތުކޮށްދޭ އެއް ހާދިސާއަކީ އޮކްޓޯބަރު 2 ގައި އިސްލާމާބާދުގެ ނެޝަނަލް ޕްރެސް ކްލަބަށް ފުލުހުން ވަދެ، ނޫސްވެރިންނަށް އަނިޔާކޮށް، މުދަލަށް ގެއްލުން ދިނުމުގެ ހާދިސާ ކަމަށް މީޑިއާއިން ބުނެއެވެ. މީގެ އިތުރުން، ކަރާޗީގައި ޓީވީ އެންކަރ އިމްތިޔާޒް މީރު މަރާލެވުނު ހާދިސާއާއި 1992 އިން ފެށިގެން މިހާތަނަށް 68 ނޫސްވެރިން ވަނީ މަރާލެވިފަވާ މައްސަލަތައް ނޫސްވެރިން ފާހަގަ ކުރެއެވެ.
މާލީ ގޮތުން އަނިޔާވެރިވުމުގެ ގޮތުން، ފާހަގަކޮށްލެވޭ މައްސަލަތަކުގައި އެންކަރުން ކަމަށްވާ ސަމީނާ ޕާޝާ އަދި މެހެރް ބުޚާރީގެ ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ މައްސަލަތައް ފާހަގަ ކޮށްފައި ވެއެވެ. އަދި ޕާޝާގެ ވަޒީފާ ގެއްލުމާއެކު، ޔޫޓިއުބް ޗެނަލްގެ އާމްދަނީވެސް ވަނީ ހުއްޓުވާފައެވެ. ބުޚާރީގެ ފިރިމީހާ ކާޝިފް އައްބާސީ ވެސް ގައުުމުން ބޭރަށް ދިއުން މަނާ މީހުންގެ ލިސްޓްގައި ހިމެނާފައެވެ.
މިފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައި ވަނީ ޕާކިސްތާނުގެ ސައިބަރ ކްރައިމް ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ގައެވެ. 2025 ގައި މި ގާނޫނުގެ ދަށުން 9 ނޫސްވެރިންނަށް ދަޢުވާ ކޮށްފައި ވެއެވެ. ޖުލައި މަހު 27 ޔޫޓިއުބް ޗެނަލް ވަނީ "ޕާކިސްތާނާ ދެކޮޅު" ކޮންޓެންޓް ފެތުރުމުގެ ތުހުމަތުގައި ބްލޮކް ކޮށްފައެވެ.
ރިޕޯޓަރސް ވިތުއައުޓް ބޯޑަރސް އާއި ޕާކިސްތާން ފެޑެރަލް ޔޫނިއަން އޮފް ޖާނަލިސްޓްސްއިން މިކަން ކުށްވެރިކޮށް، މިއީ ޚިޔާލު ތަފާތުވުން ނައްތާލުމަށް ކުރެވޭ ނިޒާމީ ކެމްޕޭނެއް ކަމަށް ބުނެފައިވެއެވެ.







