އޮސްޓްރޭލިޔާގެ ވައިގެ ސިފައިންގެ ބޯޓަކަށް ޗައިނާއިން ގަނާކޮށްފި ކަމަށް ބުނެ ޝަކުވާ ކޮށްފި

ދެކުނު ޗައިނާ ކަނޑުގައި އާންމު ހާލަތުގައި އާދައިގެ މަތިން އުދުހެމުންދިޔަ އޮސްޓްރޭލިއާގެ ސަރވެއިލަންސް މަތިންދާބޯޓަކަށް ޗައިނާ ވައިގެ ސިފައިން ގަނާ ކޮށްފިކަމަށް ބުނެ އޮސްޓްރޭލިއާއިން އިހުތިޖާޖު ކޮށްފިއެވެ. އޮސްޓްރޭލިއާއިން ބުނަނީ އެ ގައުމުގެ ވައިގެ ސިފައިންގެ ސަވައިލެންސް ބޯޓު ކައިރީގައި ޗައިނާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓަކުން ފްލެއަރ ދޫކޮށްލި ކަމަށެވެ.

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރ ރިޗަރޑް މާލްސް ވިދާޅު ވަނީ މިއީ "ރައްކާތެރިކަމެއް ނެތް އަދި ޕްރޮފެޝަނަލްކަމެއް ނެތް" ޖަރީމާއެއް ކަމަށެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ އުަނޅަނދަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.  އޮސްޓްރޭލިއާގެ ޑިފެންސް ފޯސްއާއި ޗައިނާގެ މިލިޓަރީއާ ދެމެދު ދެކުނު ޗައިނާ ސަރަހައްދުގައި ދޭތެރޭން މިފަދަ ހާދިސާތައް ހިނގަމުން ދެއެވެ. މިއީ އޭގެ އެންމެ ފަހުގެ ހާދިސާއެވެ.

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީން ކުރަމުންދާ "ނުރައްކާތެރި އަމަލުތައް" މިހާދިސާއިން ފާހަގަ ކުރެވޭ ކަމަށް އޮސްޓްރޭލިއާއިން ބުނެއެވެ. އަދި މިއީ ފާއިތުވި މަހު އޮސްޓްރޭލިއާ އަދި ކެނެޑާގެ ހަނގުރާމަ މަތީ އުޅަނދުތަކެއް ޓައިވާން ކަނޑުއޮޅިން ދަތުރުކުރުމާ ގުޅިގެން ޗައިނާގެ މީޑިއާއިން އެކަމަށް ފާޑުކިޔުމަށްފަހު ހިނގި ބަދަލު ހިފުމުގެ ހާދިސާއެއްް ކަމަށް ބެލެވެއެވެ.

ވޮޝިންގްޓަނަށް ކުރައްވާ ދަތުރުފުޅުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ދެކުނު ޗައނާ ކަނޑުގެ ސަރަހައްދާ ޕެސިފިކް ސަރަހައްދުގެ ސަލާމަތީ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށް ކެންބަރާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!