ފްރާންސްގެ ކުރީގެ ރައީސް ޖަލަށް ލާނީ މިއަދު

ފްރާންސްގެ ކުރީގެ ރައީސް ނިކޮލާ ސާކޯޒީ މިއަދު ޖަލު ހުކުމް ތަންފީޒު ކުރައްވަން ފަށްޓަވާނެއެވެ. އޭނާ ޙުކުމް ތަންފީޒު ކުރައްވަން ފެއްޓެވުމުގެ ހަތަރު ދުވަސް ކުރިން މެކްރޮން ރައީސް އޭނާއާ ބައްދަލު ކުރެއްވި ކަމަށް ލަޕެރީޒިއާން ނޫހުން ބުނެއެވެ. ލީބިޔާގއެ ޒައީމު ކާނަލް ޤައްޒާފީގެ އަތްޕުޅުން ރިޝްވަތު ހޯއްދެވިކަން ސާބިތުކޮށް، ސާކޯޒީ (70 އަހަރު) އަށް އިއްވާފައި ވަނީ 5 އަހަރުގެ ޖަލު ހުކުމެކެވެ.

އޭނާ ބަންދުކޮށްފައި ބަހައްޓާ ޖަލުގެ ފޮޓޯ މީޑިއާއިން ވަނީ ދައްކާލާފައެވެ. އެ ޖަލު ގޮޅީގެ ބޮޑުމިނަކީ 9 އަކަ މީޓަރެވެ. މި ގޮޅީގައި ފްރިޖަކާއި ޓީވީއަކާއި ފޯނަކާއި ފެންވަރާތަނަކާއި ފާޚާނާއަކާއި، މޭޒާއި ގޮނޑިއެއްވެސް އަދި ކައްކައި ކެވޭ ގޮތަށް ކަރަންޓު އުނދުނެއްވެސް ހުރެއެވެ.

މިޖަލަކީ ދެ ބަޔަކަށް ހިމެނޭ ޖަލެކެވެ. މިތާގެ އެއްބައިގައި ވީއައިޕީން ތިބޭއިރު އަނެއް ބައިގައި ރިޝްވަތުގެ ކުށް ސާބިތުވާ ފުލުހުންނާއި ކަސްޓަމްސްއާއި ޕޯޓްސް އޮތޯރިޓީއާއި ޖަލު ބަލަހައްޓާ މީހުން ބައިތިއްބައެވެ.

މެކްރޮން ރައީސް ސާކޯޒީއާ އެއް ގަޑިއިރަށް ބައްދަލު ކުރެއްވިއެވެ، މި ބައްދަލުވުމާ ގުޅޭގޮތުން މެކްރޯން ވިދާޅުވެފައިވަނީ އިންސާނީ ގޮތުން ބަލާއިރު، ކުރީގެ ރައީސަކާ މިހާރުގެ ރައީސް ބައްދަލުކުރުމަކީ އާދައިގެ ކަމެއް ކަމަށެވެ. އަދި ޝަރުޢީ ނިޒާމުގެ މިނިވަންކަމަށް އެކަމުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

މެކްރޮންގެ އަދުލު އިންސާފުގެ ވަޒީރު ކަމަށްވާ އަލްޖީރިއާގެ މުސްލިމު މޫސާ ދާރްމަނާންގެ ކާފަ ދަރިފުޅު ޖެރަލްޑް ދަރްމަނާން ވިދާޅުވަނީ އޭނާ ޖަލަށް ގޮސް ސާކޯޒީއާ ބައްދަލު ކުރައްވައި ހާލު ބައްލަވައި އޭނާއަށް ކަންކަން ހަމަޖައްސާފައި ވަނީ ރަނގަޅަށްތޯ ޔަގީން ކުރައްވާނެ ކަމަށެވެ. ދާރްމާން ސިޔާސީ މައިދާނަށް ތައާރަފް ކޮށްދެއްވީ ސާކޯޒީއެވެ.

މެކްރޮން ރައީސް އަފޫއާންމެއްގައި ސާކޯޒީ މިނިވަން ނުކުރައްވާނަމަ އޭނާ މިތާގައި 5 އަހަރު ހޭދަ ކުރައްވާނެއެވެ.

ހިއްސާ ކުރައްވާ!