ބަންގްލަދޭޝްގައި ޒާކިރް ނާއިކް އަށް ރަތް ދޫލައިގެ މަރުޙަބާއެއް

އަންނަ މަހު ޒާކިރް ނާއިކް ބަނގްލަދޭޝަށް ޒިޔާރަތް ކުރައްވާއިރު އޭނާއަށް ރަތް ދޫލައިގެ މަރުހަބާއެއް ލިޔުމަށް ބަންގާޅުން ނިންމައިފިއެވެ. ނޮބެލް އިނާމް ލިބިވަޑައިގެންފައިވާ މުޙައްމަދު ޔޫނުސް ގެ ސަރުކާރުން މި ނިންމުން ނިންމާފައިވާއިރު، ޒާކިރް ނާއިކް އަކީ މީގެ ކުރިން ބަންގްލަދޭޝްއަށް ވަނުން މަނާކުރެވިފައިވާ ބޭފުޅެކެވެ. ލޮލުގެ ޑޮކްޓަރު ޒާކިރް ނާއިކްއަކީ ދާއީ އަހުމަދު ދީދާތުގެ ވީޑިއޯތަކުން ދަރިވަރު ވެފައިވާ ދާއިީއެކެވެ.

ޒާކިރް ނާއިކް މަޝްހޫރުވެފައިވަނީ އޭނާ ބާއްވާ ބޮޑެތި ޖަލްސާތަކުންނެވެ. ޒާކިރް ނާއިކް ބަނގްލަދޭޝަށް ވަނުން މަނާކޮށްފައި ވަނީ 2016 ވަނަ އަހަރު ޑާކާގެ ކެފޭއެއްގައި ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެވެ. އެ ހަމަލާގައި 20 މީހުން މަރުވިއެވެ. އެ ހަމަލާ ދިން ބައެއް މީހުން ޒާކިރް ނާއިކްގެ އޮންލައިން ދަރުސްތައް ބަލާފައިޥާ ކަމަށް ހަސީނާގެ ސަރުކާރުގެ އޮފިޝަލުން އޭރު ބުންޏެވެ.

އިންޑިއާއަށް ވެސް ނާއިކް ވަނުން ވަނީ މަނާ ކޮށްފައެވެ. އެނާއަކީ މުމްބާއިއަށް އުފަން އަދި ޗޯރްބާޒާރު ސަރަހައްދުގައި ކްލިނިކެއް ހިންގި މީހެކެވެ. އިންޑިއާއިން ވަނީ ނަފްރަތު އުފެއްދުމަށް ބާރުއެޅިކަމުގެ ދަޢުވާގައި ޒާކިރް ނާއިކް ހޯދާކަމަށް ބުނެފައެވެ. މިހާރު އޭނާ ދިރިއުޅުއްވަނީ މެލޭޝިއާގައެވެ. އޭނާ ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅަކީ މި އަހަރުގެ ކުރީކޮޅު ޕާކިސްތާނަށް ކުރެއްވި މިފަދަ ދަތުރުފުޅަކަށް ފަހު ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން އިތުރު ތަފްސީލުތައް ބަންގްލަދޭޝްގެ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!