ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޒުވާނުންގެ ދެ ގޮފި ދެމެދު ޗިޓަގޮންގްގައި ހިނގި ބަޑީގެ ހަމަލާއެއްގައި އެކަކު މަރުވެ، 15 މީހުންނަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އަންގާރަ ދުވަހުގެ ފަތިހުއެވެ.
މި ހާދިސާގައި މަރުވީ 22 އަހަރުގެ މުޙައްމަދު ސައްޖާދެވެ. އޭނާއަކީ ބީއެންޕީގެ ދަރިވަރުންގެ ގޮފި ކަމަށްވާ ޗަތުރާ ދާލްގެ މެންބަރެކެވެ. ބަންގްލަދޭޝްގެ ދުވަހު ނޫސް 'ޕްރޮތޮމް އަލޯ' އަށް މައުލޫމާތު ދެމުން ބަކްލިއާ ޕޮލިސް ސްޓޭޝަންގެ އިން ޗާޖް އިޚްތިޔާރުއްދީން ވިދާޅުވީ، މި ހަމަނުޖެހުން ފެށިފައިވަނީ މަގުމަތީގައި ދަމާ ބެނާއެއްގެ މައްސަލާގައި ދެ ފަރާތުގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމަކާ ގުޅިގެންނެވެ. އޭނާ ވަނީ ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެ، ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަން ކަށަވަރުކޮށް ދެއްވާފައެވެ. އަދި މިކަމުގައި ބައިވެރިވި މީހުން ހައްޔަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕާޓީގެ މަސްދަރުތަކާ ހަވާލާދީ 'ޕްރޮތޮމް އަލޯ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބަޑިޖެހުން ހިނގާފައިވަނީ މިހާރު އުވާލާފައިވާ ހަރުކަށި ޖަމާއަތެއްގެ ލީޑަރުންނަށް ތަބާވާ ބައެއްގެ މެދުގައެވެ.
ބީއެންޕީގެ އެތެރޭގެ ފެކްޝަންތަކުގެ ދެމެދު ހިނގާ ހަމަނުޖެހުންތައް މިހާރު ވަނީ އިތުރުވެފައެވެ. މި ހަމަނުޖެހުންތަކުގައި ގިނަ ބަޔަކަށް އަނިޔާވެއެވެ.
ބީއެންޕީއަކީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ޕާޓީއެވެ. ބީއެންޕީ ވަނީ މުޙައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ފަށާފައެވެ.






