ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ސައޫދީ ރައްޔިތަކު ކެބިން ކްރޫ މެންބަރަކަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރިޔާޟް އިން ކޮލަމްބޯ އަށް ދަތުރުކުރި UL266 ފްލައިޓްގައި ވައިގެ ތެރޭގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަމަނުޖެހުން ފެށިފައިވަނީ އިށީނދެ އިނުމަށް އެދި ތަކުރާރުކޮށް ދެމުން ދިޔަ އިރުޝާދުތަކަށް ތަބާވުމަށް ސައޫދީ އަރަބް މީހާ ދެކޮޅު ހެދުމާ ގުޅިގެންނެވެ. ކްރޫ މެންބަރުން ތަކުރާރުކޮށް އޭނާއަށް އިންޒާރުދީ، އިރުޝާދުތަކަށް ތަބާވުމަށް އެދުނު ނަމަވެސް، އެ މީހާ ވަނީ ޒުވާބުކޮށް ހަރުކަށިކަން ދައްކާފައެވެ.
އެންމެ ފަހުން، އޭނާ ވަނީ ފްލައިޓް އެޓެންޑެންޓަކާ އެކު މާރާމާރީ ހިންގައި ގަޔަށް އަތްލައި، ހަމަލާދީފައެވެ. މި ހާދިސާގެ މަންޒަރު ފްލައިޓްގައި ތިބި އެހެން ފަސިންޖަރުންނަށް ވަނީ ވީޑިއޯ ކޮށްފައެެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކޮށްފައި ވެއެވެ.
ވައިގެ ދަތުރުތަކުގައި ކްރޫ މެންބަރުންނަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ގާނޫނުތަކުގެ ދަށުން ވަރަށް ސީރިއަސް ކުށެކެވެ. މި ހާދިސާ އާއި ގުޅިގެން ސްރީލަންކަން އެއާލައިންސް އިން އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފައި ވެއެވެ.







