18 ވަނަ ގަރުނުގައި އިނގިރޭސިންގެ އިސްތިއުމާރީ ކުންފުނި އީސްޓް އިންޑިއާއާއި ދެކޮޅަށް އިންޑިއާގެ ދެކުނުގައި ހަނގުރާމަ ކުރެއްވި މުސްލިމު ރަސްގެފާނު ޓީޕޫ ސުލްޠާންގެ ފިސްތޯލަކޮޅު ލަފާ ކުރި އަގަށް ވުރެން 14 ގުނަ ބޮޑު އަގުގައި ވިކިއްޖެ އެވެ.
މި ފިސްތޯލަކޮޅު ނީލަން ކިޔާފައި ވަނީ ލަންޑަންގެ ސޯތެބީ ނީލަން ފިހާރައިގައެވެ. ފިސްތޯލަކޮޅު ވިއްކާލެވުނީ 1.1 މިލިއަން ޕައުންޑަށް ކަމަށް ވެއެވެ.
ޓީޕޫ ސުލްޠާނަކީ އިންޑިއާގެ ދެކުނުގައި އިދާރި ހިންގުން ހަރުދަނާކޮށް ވެރިކަމުގެ ނިޒާމެއް ގާއިމް ކުރެއްވި ރަސްކަލެކެވެ. އޭނާގެ ފިލްސްތޯލަކޮޅަކީ އިނގިރޭސިން ފޭރިގަނެގެން ގެންގުޅުނު އެއްޗެކެވެ.
1799ގައި އިނގިރޭސިންނާ ދެކޮޅަށް ސެރިންގަޕަޓަމްގައި ޖިހާދު ކުރައްވަނިކޮށް، އިނގިރޭސިން އޭނާ ޝަހީދުކޮށްލީ އެ އަހަރުގެ މެއި މަހު އެވެ. އަދި އެއަށްފަހު އޭނާގެ ހަތިޔާރާއި އަގުހުރި ސާމާނުތައް އިނގިރޭސިން އާދައިގެ މަތިން ލޫޓުވާލައިގެން އިނގިރޭސިވިލާތަށް ގެންދިޔައެވެ. މި ފިސްތޯލަކޮޅުގެ އިތުރުން ޓީޕޫ ސުލްޠާންގެ ބަޑިކޮޅެއް ވެސް ވިއްކާފައިވަނީ 6 ލައްކަ ޕައުންޑަށެވެ.
ޓީޕޫ ސުލްޠާނަކީ އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީން ކަރްނާޓަަކާގައި ވެރިކަން ކުރިއިރު ޒާތީ ހަސަދަވެރިކަމެއްގައި ހަނދާން ނައްތާލާފައިވާ ވެރިއެކެވެ.







