ފްރާންސަކީ އަންހެނުންނަށް ދިރިއުޅެން ނުކުޅެދޭ ގައުމަކަށް މިހާރު ވެއްޖެއެވެ. އެގައުމުގައި އަންހެނުން މަރާލާ މައްސަލަތައް 11 އިންސައްތަ އިތުރުވެފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު 107 އަންހެނުން މަރާލާފައި ވަނީ އެމީހުންގެ މިހާރުގެ ނުވަތަ ކުރީގެ ފިރިމީހާ ކަމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މިއީ ކޮންމެ ތިން ދުވަހަކުން އަންހެނެއް މަރާފައިވާ ކަމަށް ދައްކާ ނިސްބަތެކެވެ.
ފްރާންސްގެ ދާޚިލީ ވުޒާރާއިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާގެ ޖުމްލަ 138 މަރުގެ މައްސަލަ ރިކޯޑުކުރެވިފައިވެއެވެ. އަންހެނުންގެ އިތުރުން 31 ފިރިހެނުން ވެސް އެމީހުންގެ އަނބިންގެ އަތުން މަރުވެފައި ވެއެވެ.
ފްރާންސްގެ ގެވެށި އަނިޔާއާ ބެހޭ މި ގައުމީ ދިރާސާއިން ދައްކާ ގޮތުގައި، މިފަދަ ގިނަ ޖަރީމާތައް ހިންގާފައި ވަނީ ދެމަފިރިން ދިރިއުޅޭ ގޭގައި ނުވަތަ މަރާލާފައިވާ މީހާ ވަކިން އުޅޭ ގޭގައެވެ. މިއީ ޖުމްލަ ހާދިސާތަކުގެ 90 އިންސައްތައެވެ. ކުށްކުރާ ފަރާތްތަކުން 49 ހާދިސާގައި ތޫނު އެއްޗެހި ބޭނުންކޮށްފައި ވެއެވެ. އަދި، 34 ހާދިސާގައި ބަޑި ބޭނުން ކޮށްފައި ވެއެވެ.
މި ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، މި ހާދިސާތަކުގެ 31 އިންސައްތަ މައްސަލާގައި ދެ ފަރާތް ދެމެދު ކުރިން ޒުވާބެއް ހިނގާފައިވެއެވެ. އަދި 16 އިންސައްތަ ހާދިސާ ހިނގާފައި ވަނީ ގުޅުން ނިމުމަކަށް ގެނައުމަށް ދެފަރާތުންކުރެ ފަރާތަކުން ދެކޮޅު ހެދުމުގެ ސަބަބުންނެވެ. މަރާފައިވާ އަންހެނުންގެ ތެރެއިން 47 އިންސައްތަ އަންހެނުންނަކީ މީގެ ކުރިން އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުން ކަމަށް ދައްކައެވެ.
އޭގެ ތެރެއިން 81 އިންސައްތަ އަންހެނުން ވަނީ އެކަމުގެ ޝަކުވާ ފުލުހުންނަށް ކޮށްފައެވެ.
ދިރާސާއިން ފާހަގަކޮށްފައިވާ ގޮތުގައި، ގެވެށި އަނިޔާ ހިންގާ ގިނަ ކުށްވެރިންނަކީ 20 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުގެ މީހުންނެވެ. ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މިހާރު އުމުރުން 70 އަހަރުން މަތީގެ މީހުންވެސް މިފަދަ ޖކަރީމާތައް ހިންގުމުގައި ބައިވެރިވުން އިތުރުވެފައި ވެއެވެ. ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުށްކުރާ މީހާއަކީ ގިނަ ފަހަރަށް ފްރާންސްގެ ރައްޔިތެކެވެ. އަދި ކައިވެނިކޮށްފައިވާ، އަދި ވަޒީފާއެއް އަދާ ނުކުރާ ފިރިހެނެކެވެ.







