މިސްރުގެ އެންމެ ބޮޑު މިއުޒިއަމް އާންމުންނަށް ހުޅުވާލައިފި

މިސްރުގެ އެންމެ ބޮޑު މިއުޒިއަމް އާންމުންނަށް މިއަދުން ފެށިގެން ހުޅުވާލައިފިއެވެ. މި މިއުޒިއަމް ހުޅުވާފައިވާ އިހުތިފާލްގައި ލަވަ ހުށަހަޅާ ދީފައި ވަނީ މިސްރުގެ ފަންނާނު ޝްރީހާން އެވެ. މިއީ ދުނިޔޭގައި ހުރި އެންމެ ބޮޑު، އަދި ބޯދާ ޒަމާނުގެ މިސްރުގެ ޙަޟާރަތަށް ޚާއްޞަ ކުރެވޭ މިއުޒިއަމެވެ.

މި މިއުޒިއަމް ހުޅުވުމަކީ، މިސްރުގެ ފިރުޢައުނުންގެ ޒަމާނުގެ އާސާރީ ތަކެތި، ޒަމާނީ ފަންނުވެރި ގޮތަށް ދައްކާލުމަށް ކުރަމުން ދިޔަ ބުރަ މަސައްކަތެއްގެ ނިމުމެކެވެ. މިތަނުގައި އާސާރީ ތަކެތި ދައްކާލުމުގެ އިތުރުން ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެކި ހުށަހެޅުންތައް ހުށަހަޅާނެއެވެ.

މި ޕްރޮޖެކްޓް ނިންމުމަށް ވިހި އަހަރަށްވުރެ ގިނަ ދުވަސް ނަގާފައި ވެއެވެ. މިސްރުގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ސަގާފީ ފަތުރުވެރިކަން އިތުރުކޮށް، ތާރީޚާއި ޖީޒާގެ ޕިރަމިޑްތަކުގެ މަންޒަރު އެއްކޮށް ބަލައި ލެވޭ އާ ތަޖުރިބާއެއް ޒިޔާރަތްތެރިންނަށް ފޯރުކޮށްދިނުމަށެވެ.

މިސްރުގެ އޮފިޝަލުން މި މިއުޒިއަމް ހުޅުވުން ސިފަކުރަނީ "އުންމުއްދުންޔާ ކަމަށްވާ މިސްރުގައި ބާއްވާ މި ޤަރުނުގެ އެންމެ ބޮޑު ސަގާފީ ހާދިސާ" ގެ ގޮތުގައެވެ. މިސްރު މީހުން ބުނަނީ މިއީ ހަމައެކަނި އާ އިމާރާތެއް ހުޅުވުމެއް ނޫނެވެ. އެއީ "ނުވަދިހައިގެ އަހަރުތަކުން ފެށިގެން ކުރަމުން އައި ދިގު ހުވަފެނެއްގެ ނިމުން" ކަމަށެވެ. މިމިއުޒިއަމް ހުޅުވުމަށް ޚާއްސަ އިހުތިފާލް ބާއްވާފައި ވަނީ ޕިރަމިޑްތައް ކައިރީގައެވެ.

އިނގިރޭސިންނާއި ޖަރުމަނާއި ޔޫރަޕްގެ އެހެން ގައުމުތަކުން ވަަގަށް ނަގާފައިވާ މިސްރުގެ އާސާރުތައް މިސްރަށް އަނބުރައި ލިބިއްޖެނަމަ މިސްރުގެ މި މިއުޒިއަމް ވެގެންދާނީ ދުނިޔޭގެ އެންމެ މުއްސަނދި މިއުޒިއަމަށެވެ. މިހާރުވެސް މިއީ ދުނިޔޭގައި އާސާރީގޮތުން އެންމެ މުއްސަނދި މިއުޒިއަމެވެ.

ހިއްސާ ކުރައްވާ!