އިނގިރޭސިވިލާތުގެ ކެމްބްރިޖް ކައިރީގައި ރޭލެއްގެ ތެރޭގައި ވަޅި ހަމަލާ ދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. މި ހަމަލާގައި ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ވަނީ އަނިޔާވެފަ އެވެ. މި ހާދިސާއާ ގުޅިގެން ހަތިޔާރު އެޅި ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ވަގުތުން ހިންގާފަ އެވެ.
މި ހަމަލާ ހިނގާފައި ވަނީ ލަންޑަންގެ އުތުރުން ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރުގައި އޮންނަ ހަންޓިންގްޑަން އަށް ދަތުރުކުރަމުން ދިޔަ ރޭލެއްގަ އެވެ. ފުލުހުންނަށް މިކަމުގެ ރިޕޯޓު ލިބުނީ ރޭގަނޑު 7:39 ހާއިރު އެވެ. ކެމްބްރިޖްޝަޔާ ކޮންސްޓަބިއުލަރީގެ ހަތިޔާރު އެޅި ފުލުހުން ވަގުތުން ހަރަކާތްތެރިވެ، ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރީ ހަންޓިންގްޑަން ސްޓޭޝަނުންނެވެ.
އަނިޔާވި އެތައް ބަޔަކު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ގެންގޮސްފަ އެވެ. ނަމަވެސް އެމީހުންގެ ހާލަތާއި، މި ހަމަލާ ދޭން ދިމާވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. މި ހާދިސާގެ ތަހުގީގު މިހާރު ވެސް ދަނީ ކުރިއަށެވެ.
ބޮޑުވަޒީރު ކެއާ ސްޓާމާ ވަނީ މިއީ ހިތާމަވެރި ހާދިސާ އެއް ކަމަށް ސިފަކުރައްވައި، އަނިޔާވި ފަރާތްތަކަށް ހިތްވަރު ދެއްވާފަ އެވެ. އަދި އަވަހަށް އިޖާބަ ދިނުމުން އެމަޖެންސީ ހިދުމަތްތަކަށް އޭނާ ވަނީ ތައުރީފު ކުރައްވާފަ އެވެ.







