ބަންގްލަދޭޝްގެ މާލީ ނިޒާމު ބޮޑު ކާރިސާއެއްގައި: ލޯނު ނުދެއްކުމުގެ މައްސަލަތައް އިތުރުވެއްޖެ

ބަންގްލަދޭޝްގެ މާލީ ނިޒާމަށް މިހާރު ކުރިމަތިލާން ޖެހިފައިވަނީ ބޮޑު ކާރިސާއަކާ އެވެ. އެންމެ ފަހުން ނެރެފައިވާ ރިޕޯޓަކުން ދައްކާ ގޮތުގައި ލޯނު ނުދެއްކުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވުމުގެ ސަބަބުން، އެ ގައުމުގެ ބޭންކިންގ ދާއިރާގެ ހަމަޖެހުން ގެއްލި، ނިޒާމު ފުނޑުފުނޑުވެދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ. ބިޒްނަސް ޓުޑޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލޯނު ނުދެއްކުމުގެ މައްސަލަތައް ގިނަވުމުގެ ސަބަބުން މުޅި ނިޒާމު ހުއްޓިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެ ގައުމުގެ އިޤްތިޞާދީ މާހިރުން ދަނީ އިންޒާރު ދެމުންނެވެ.

އިޤްތިޞާދީ މާހިރުން ބުނާ ގޮތުގައި، ލޯނު ނުދެއްކުމުގެ މައްސަލަތައް ކޮންޓްރޯލް ނުކުރެވުމާއި ރެގިއުލޭޓަރީ ނިޒާމުގެ ދޯހަޅިކަމާއި އަދި ލޯނު ދިނުމުގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން ބޭންކުތައް ވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ.

މިކަމުގެ ސަބަބުން ބޭންކުތައް އިފްލާސް ވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އިގްތިސާދީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަނގްލަދޭޝްގެ ދައުލަތުގެ ބޭންކުތައް ވަނީ މި ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގިންތީގައި ހިމެނިފައެވެ.  އެގޮތުން، އެ ބޭންކުތަކުގެ ދަރަނި ނުދައްކާ ލޯނުތަކުގެ އަދަދު ވަނީ ރެކޯޑު މިންވަރަކަށް އިތުރު ވެފައެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ދޭ ގޮތުގައި، ބޭންކިންގ ދާއިރާ އިސްލާހުކުރުމަށް ޔޫނުސްގެ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ބަންގްލަދޭޝްގެ ބޭންކިންގ ދާއިރާ "މުޅިން ހުއްޓި، ފުނޑުފުނޑުވެގެން" ހިނގައިދާނެއެވެ. މިކަމުގެ ސަބަބުން އިޤްތިޞާދަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް އެނަލިސްޓުން ބުނެއެވެ. ބަނގްލަދޭޝްގެ ބެންކިންގއަށް ބޭނުންވާ އިސްލާހުތަކުގެ ތެރޭގައި، ގަވަރނަންސް ވަރުގަދަކުރުމާއި، ބޭންކުތަކަށް އަލުން ފައިސާ ޖަމާކޮށްގެން ރައުސްމާލު އިތުރު ކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ހިއްސާ ކުރައްވާ!