އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަގްޗީ ވިދާޅުވަނީ މީގެ ކުރިްނ ދުވަހަކުވެސް ހަނގުރާމައަކަށް އީރާން ތައްޔާރު ވެފައި ނުވާ މިންވަރަށް އީރާން މިހާރު ވަނީ ހަނގުރާމައަށް ތައްޔާރު ވެފައި ކަމަށެވެ. އަދި އިޒްރޭލުން ހަނގުރާމަ ނުކުރާނެ ކަމަށް ދޭ ޔަޤީންކަމަށް އީރާނުން އިތުބާރު ނުކުރާކަމަށް ވެސް އޭނާ ވިދާޅުިވެއެވެ. އަދި އީރާނަށް އިޒްރޭލުން ދިން ހަމަލަ ދީފައި ވަނީ އެމެރިކާއިން އެކަމަށް ހުއްދަ ދިނުމުންކަމަށްވެސް އޭނާ ވިދާޅުވެއެވެ. އަރާގްޗީ ވިދާޅުވި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ނޫޅޭ ކަމަށާއި ނަމަވެސް ސިޔާދަތީ ގައުމެއްގެ ހައިސިއްޔަތުން އީރާނުގެ ނިއުކްލިއަރ ހައްޤުތައް ރައްކާތެރިކުރުމަށް ތެހެރާން ތައްޔާރަށް އޮތް ކަމަށެވެ. އަދި އިންސާފުވެރި މަޝްވަރާތަކަށް ތެހެރާން ތައްޔާރަށް އޮތް ކަމަށް ވެސް ޢަރަގްޗީ ވިދާޅުވިއެވެ.
އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޢަރަގްޗީ ވަނީ، އީރާނުން ބޭނުންވަނީ ސުލްޙަ ވެރިކަމެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން ބިރު ދައްކާނަމަ، ޤައުމުގެ ސިޔާދަތު ދިފާޢުކުރަން ފަސް ނުޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، "އީރާނަކީ ސުލްޙައަށް ލޯބިކުރާ ޤައުމެއް އެހެންނަމަވެސް، އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އައިސްފާނެ ކޮންމެ ނުރައްކަލަކާ ދެކޮޅަށް ދިފާއީ ހާލަތުގައި ތިބި ކަމަށާއި މިފެންވަރަށް މީގެ ކުރިން ތައްޔާރު ވެފައި ނުވާނެ" ކަމަށް ވިދާޅުވިއެވެ.
އެމެރިކާއިން ބޮން އެޅުމުންވެސް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އީރާނުން ނިއުކްލިއަރ މަޝްވަރާގައި ބައިވެރިވާނީ، ދެފަރާތުގެ މަސްލަހަތުތައް ކަށަވަރުކޮށްދޭ ގޮތަށް ކަމަށާއި އެފަދަ މާހައުލެއްގައި މަޝްވަރާ ކުރުމަށް އީރާން ތައްޔާރަށް އޮތްކަމަށް ޢަރަގްޗީ އިތުރަށް ވިދާޅުވިއެވެ. އީރާންގެ ނިއުކްލިއަރއާ ބެހޭ މަޝްވަރާތަކުގެ އެންމެ މުހިންމު ޝަރުޠަކީ އީރާނުގެ ނިއުކްލިއަރ ހައްޤުތަކަށް ރައްކާތެރިކަން ލިބުން ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.







