ފްރާންސުން ވަނީ އެގައުމުގެ މަޝްހޫރު ރާފާއެލް ފައިޓަރު ޖެޓްތައް އިންޑިއާގައި އުފެއްދުމަށް ޝައުގުވެރިވާ ކަމަށް ބުނެފައެވެ. މިކަމާ ގުޅޭގޮތުން މީޑިއާއާ ވާހަކަ ދައްކަވަމުން ފްރާންސްގެ ސަފީރު ވިދާޅުވީ، މިއީ ދެގައުމުގެ ދިފާއީ އެއްބާރުލުން ވަރުގަދަވެ، ދެގައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.
ފްރާންސްގެ ސަފީރު ތިއެރީ މަޓޫ ވިދާޅުވީ، ނިއު ދިއްލީއާ އެކު އޮތް ސްޓްރެޓީޖިކް ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ފްރާންސުން ބޭނުން ވަނީ ޓެކްނޮލޮޖީ ޓްރާންސްފާ ކޮށް އިންޑިއާގައި ރާފާއެލް ފައިޓަރު ޖެޓްތައް އުފެއްދުމަށް ކަމަށް ވިދާޅުވިއެވެ. މަޓޫ ފާހަގަކުރެއްވީ، މި ބާވަތުިގެ މަތިންދާ ބޯޓު ދެގައުމުން ގުޅިގެން އުފެއްދުމުގެ ސަބަބުން ދިފާއީ އެއްބާރުލުމުގެ އިތުރުން ސިނާއީ އެއްބާރުލުމާއި ސަގާފީ ގުޅުންވެސް ދެފަރާތް ދެމެދު ފުޅާވެގެންދާނެ ކަމަށެވެ. ފްރާންސްގެ ބަސް ވަޅު ޖެހި، އެފްރިކާގައި އެބަހުގެ ނުފޫޒު ކުޑަ ވަމުން ދިއުމާ ގުޅިގެން ފްރާންސުން ވަނީ އިންޑިއާއަށް މިސްރާބު ޖަހާފައެވެ. އަދި އިންޑިއާ މީހުންނަށް ފްރާންސް ބަސް ކިޔަވައިދީ ސްކޯލާޝިޕްދީ، ވަޒީފާގެ ފުރުސަތު ފަހިކޯށްދީ، ފަރަންސޭސި ބަހަށް ދިރުމެއް ގެނައުމަކީ ފްރާންސްގެ އަމާޒެވެ.
ސަފީރު ފާހަގަކުރެއްވި ގޮތުގައި، ފްރާންސުން އިންޑިއާއަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެކެއެވެ. އަދި ދިފާއީ އުފެއްދުންތަކުގައި އަމިއްލަ ފުދުންތެރިކަން ހޯދުމަށް ނިއު ދިއްލީއިން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ފްރާންސްގެ ސިޔާސަތެއް ކަމަށްވެސް ބުނެއެވެ.
އިންޑިއާއިން މިހާރުވެސް ވަނީ ފްރާންސުން ގަނެފައިވާ 36 ރާފާލް ޖެޓްސް ބޭނުންކުރަން ފަށާފައެވެ. އަދި އިންޑިއާގައި މި ޖެޓްސް އުފެއްދުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދެވިފައިވަނީ ޓެކްނޮލޮޖީ ބަދަލުކުރުމާއި ސިނާއީ ގޮތުން އިންޑިއާގެ ކުންފުނުތައް ބައިވެރިވުމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ހުށަހެޅުމަކީ އިންޑިއާގެ “މޭކް އިން އިންޑިއާ” އިސްނެގުމާ އެއްގޮތްވާ ކަމެކެވެ. އަދި މީގެ ސަބަބުން ދެގައުމުގެ ދިގު މުއްދަތުގެ ދިފާއީ ގުޅުން އިތުރަށް ވަރުގަދަވެ، އެއަރޯސްޕޭސް ދާއިރާގައި އާ ދޮރުތަކެއް ހުޅުވިގެންދާނެއެވެ.







