ބަންގްލަދޭޝްގެ ސިޔާސީ ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދުމުގެ ސަބަބުން، ޑިމޮކްރެޓިކް އިސްލާހުތަކުގެ މުހިންމު ޕްލޭނެއް ހުއްޓިއްޖެއެވެ. ވަގުތީ ސަރުކާރުން ބުނަނީ ހަފްތާއެއްގެ ތެރޭގައި އެއްބަސްވުމަކަށް ނާދެއްޖެ ނަމަ، ސަރުކާރުން އެކަނި ވެސް އިސްލާހަށްޓަކައި ކުރަނ ްހުރި ކަންކަމަށް އަމަލުކުރާނެ ކަމަށެވެ.
ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް، ވިދާޅުވީ އޭނާއަށް ވާރުތަވީ ބޯދާ ސިޔާސީ ނިޒާމެއް ކަމަށެވެ. އޭނާ ވަނީ މިދިޔަ އޮކްޓޯބަރު މަހު ސޮއިކުރި "ޖުލައި ޗާޓަރު" އަކީ އަނިޔާވެރި ވެރިކަމަކަށް އެނބުރި ދިއުން ހުއްޓުވުމަށް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އެކަމަށް ވަކާލާތު ކުރައްވާފަ އެވެ.
މި ޗާޓަރުގައި ހުށަހަޅާފައި ވަނީ ބޮޑުވަޒީރުންނަށް ދެ ދައުރުގެ މުއްދަތެއް ކަނޑައެޅުމާއި، ސަރުކާރުގެ އެކި ދާއިރާތަކުގައި ޗެކްސް އެންޑް ބެލެންސްތައް ވަރުގަދަ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އިތުރުކުރާ ގޮތަށެވެ. ނަމަވެސް، މިކަން ރައްޔިތުންގެ ވޯޓަކަށް އެހުމާ މެދު އަދި އެ ވޯޓު ނަގާނެ ވަގުތާއި ދާއިރާއާ މެދު އަދިވެސް ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ.
ވަގުތީ ސަރުކާރުގެ ގާނޫނީ އެޑްވައިޒަރު އާސިފް ނަޒްރުލް ވިދާޅުވީ، ދިގު މަޝްވަރާތަކަށް ފަހު ވެސް "ސިޔާސީ ޕާޓީތަކުގެ މެދުގައި ހައްލުނުވާ ހިޔާލު ތަފާތުވުންތައް" ހުރި ކަމަށާއި، ޚާއްސަކޮށް ފެންނަ ނުފެންނަ ވޯޓުގެ ވަގުތު ކަނޑައެޅުމަށް އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ. އޭނާ އިންޒާރު ދެއްވީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ "ސަރުކާރުން އަމިއްލައަށް ކުރަން ހުރިކަންކަން ކޮށް އަމަލުކުރާނެ" ކަމަށެވެ. މި އިސްލާހީ ބަހުސް ބޭއްވުމަށް ހަމަޖެހިފައި އޮތީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާނެ ކަމަށް ބެލެވޭ ގައުމީ އިންތިޚާބުގެ ކުރިންނެވެ.
މި ދަނޑިވަޅުގައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ، 80އ، ތިން ދާއިރާއަކަށް އިންތިޚާބުގައި ވާދަކުރައްވާނެ ކަން ކަށަވަރުކޮށްދީފަ އެވެ. 2008 ވަނަ އަހަރުން ފެށިގެން ލަންޑަންގައި އަރުވާލެވިފައިވާ އެކަމަނާގެ ދަރިކަލުން ތާރިގް ރަހްމާން ވެސް އިންތިޚާބުގައި ވާދަކުރައްވާނެ އެވެ.
އަނެއްކޮޅުން، ޖަމާއަތޭ އިސްލާމީ އަދި އެހެނިހެން ޖަމާއަތްތަކުން ސްކޫލް މަންހަޖުގައި މިއުޒިކު ހިމެނުމާ ދެކޮޅު ހެދުމުގެ ސަބަބުން، ޕްރައިމަރީ ސްކޫލްތަކަށް މިއުޒިކް ޓީޗަރުން ހޯދުމަށް ހަމަޖެހިފައިވާ ޕްލޭން ސަރުކާރުން ވަނީ ކެންސަލް ކޮށްފަ އެވެ.





