ޕާކިސްތާނުގެ ޖީ.އެސް.ޕީޕްލަސް މުރާޖަޢާކުރުމަށް ގޮވާލައިފި

ޕާކިސްތާނުން ބަލޯޗިސްތާނުގައި ހިންގަމުން ގެންދާ އޮޕަރޭޝަންތަކުގެ ސަބަބުން، އިންސާނީ ހައްގަށް އަރައިގަންނަ ކަން ބަޔާންކޮށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޕާކިސްތާނަށް ދީފައިވާ ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސަސް ޕްލަސް (ޖީ.އެސް.ޕީ+) ގެ ވިޔަފާރީގެ ދަރަޖަ އަލުން މުރާޖަޢާކުރުމަށް ބަލޮޗިސްތާނުގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ގޮވާލައިފިއެވެ. ބަލޫޗިސްތާނަކީ ޕާކިސްތާންގައި ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ. އަދި ބަޣާވާތް ކުރާ ފަރާތްތަކުން ސަރުކާރާ ދެކޮލަށް ހަމަލަ ދެމުންދާ ސަރަހައްދެކެވެ.

ބަލޫޗީންގެ މަދަނީ ޖަމުއިއްޔާތަކުން ދަނީ ބަލޮޗިސްތާން ޕްރޮވިންސްގައި އިންސާނީ ޙައްޤުތަކަށް އަރައި ގަންނަމުންދާ ކަމުގެ ތުހުމަތުތައް ކޮށްފައެވެ. ޖީ.އެސް.ޕީ+ ގެ ދަށުން ޔޫރަޕަށް މުދާ އެތެރެކުރުމުގައި ޕާކިސްތާނަށް ޓެކްސްގެ ލުއިތަކެއް ލިބެއެވެ. ނަމަވެސް މި ލުއިތައް ގުޅިފައިވަނީ އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް އިޙްތިރާމްކުރުމަށް ޝަރުތުކޮށްފައެވެ. 

ބަލޮޗިސްތާނުގައި، މަދަނީ ޙައްޤުތަކަށް ވަކާލާތުކުރާ ޑރ. މަހްރަންގް ބަލޯޗް ފަދަ ފަރާތްތަކަށް ސުލްޙަވެރިކަމާއެކު ހަރަކާތްތއެރި ވުމަށް ހުރަސްތައް ކުރިމަތި ކުރަމުންދާ ކަމުގެ ރިޕޯޓުތައް ވަނީ ޢާންމުވެފައެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރު 6 ގައި މި މައްސަލާގައި ބްރަސަލްސްގައި ބަހުސްކޮށްފައި ވެއެވެ. ބަލޫޗީން ބުނަނީ ޕާކސިްތާންގެ ދައުލަތުން ބާރުގެ ބޭނުންކޮށްގެން މީހުން ނިޒާމުން ގެއްލުވާލާ ކަމަށާއި އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގައި އިންސާމނީ ހައްގަށް ނުބަލާ ކަމަށާއި އަދި ސުލްޙަވެރި މުޒާހަރާތައް ހުއްޓުވުން ފަދަ ޢަމަލުތައް އާންމުކޮށް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށެވެ. ބަލޫޗީންގެ އިންސާނީ ހައްގަށް ވާހަކަ ދައްކާ ފަރާތްތަކުން ރިޕޯޓު ކުރާ ގޮތުގައި ބަލޫޗިސްތާނުގައި އަނިޔާކުރުން، ޤާނޫނާ ޚިލާފަށް މީހުން މެރުން، އަދި ޖަމާޢަތީ އަދަބު ދިނުން ފަދަ ޢަމަލުތަކަކީ ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހިފައިވާ އާންމު ކަންކަމެވެ.

މީގެ އިތުރަށް، ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ބައިމަދު މީހުން ނިސްބަތްވާ މަދަނީ ޖަމާޢަތްތަކަށް ތަފާތުކުރުމަށް ޤާނޫނުތައް ފާސްކުރުމާއި ގޭންގުތަކުގެ ހަމަނުޖެހުންތަކުގެ ސަބަބުން އެފަދަ ފަރާތްތަކަށް ވޭންތައް ލިބެމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، ޒެހްރީ ޑިސްޓްރިކްޓްގައި އަސްކަރީ އޮޕަރޭޝަނަށް ސަރަޙައްދު ބަންދުކޮށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ ސަބަބުން އާންމު ރައްޔިތުން މަރުވުމާއި އިންސާނީ އެހީގެ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށްވެސް ބަލޫޗީންގެ ހައްގުގައި ވާހަކަ ދައްކާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މި ހާލަތާ ގުޅިގެން ފާޑު ކިޔާ ފަރާތްތަކުން ވަނީ "ޖީ.އެސް.ޕީ+ ގެ ސްކީމަކީ އަނިޔާވެރިކަމަށް ދޭ އިނާމަކަށް ވެގެން ނުވާނެ" ކަމަށް ބުނެފައެވެ.

ޔޫރަޕިއަން ޔޫނިއަން އަށް ވަނީ ޕާކިސްތާނަށް ލިބޭ ވިޔަފާރީގެ މި އިނާޔަތްތައް، އިންސާނީ ޙައްޤުތަކުގެ ދާއިރާގެ ޙަޤީޤީ އިޞްލާޙުތަކާ ގުޅުވުމަށް ފިއްތުންތައް ކުރިމަތި ކޮށްފައެވެ. ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމުތަކުން މިހާރު ދަނީ ޕާކިސްތާނުގެ ޙާލަތު ގާތުން ބަލަމުންނެވެ. އަދި ޖީ.އެސް.ޕީ+ ގެ ދަރަޖަ ދެމެހެއްޓުމަށްޓަކައި ޕާކިސްތާނުން އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކަށް ފުރިހަމައަށް އިޙްތިރާމްކުރޭތޯ މުރާޖަޢާކުރުމަށް މަސައްކަތް ކުރަމުން ވެސްމެއެވެ.

ހިއްސާ ކުރައްވާ!